ކުޅުދުއްފުށީ ކައުންސިލުން މިދައުރު އެންމެ އިސްކަމެއްދީގެ ކުރަމުންދަނީ ރަށުގެ މާލިއްޔަތު މުއްސަނދިކުރުން ކަަމަށް އެކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން އިމާރާތްކުރާ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވީ މަސައްކަތް ކުރަން ޖެހިފައިވަނީ ދަތި އުނދަގޫ ދުވަސްތަކެއްގެ ތެރޭގައި ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ މަސައްކަތެއްވެސް ގުޅިފައިވަނީ ފައިސާއާ ކަމަށެވެ.
ފައިސާ ހޯދުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކައުންސިލުން އިސްގަނައިގެން ކުރަން އެބަޖެހޭ ކަމަށާއި މި ދައުރުގައި އެންމެ ބޮޑަށް މަސައްކަތްކުރަމުން ގެންދާނީ ރަށުގެ މާލިއްޔަތު މުއްސަނދިކުރުމަށް ކުރެވޭ ކަންތައްތައް ކުރުމަށްކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.
“މިދައުރުގައި ބޮޑަށް ކުރާ އުމްރާނީގޮތުންވެސް ފެންނަށް ހުންނަ ކަންތައްތަކެއް ކުރުމަށް.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ބިންގާ އެޅިގެން މިދާ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސަބަބުންވެސް ރަށުގެ މާލިއްޔަތަށް ފައިސާ ވަންނާނެ އިތުރު މަގެއް ލިބިގެންދާނެ ކަމަށެވެ.