އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ކުޅުދުއްފުށީގައި ބާއްވާ ވެހިކަލުގައި ބުރުގައި ކާރުތައް ބައިވެރިނުކުރުމަށް ޓެކްސީ ސެންޓަރުތަކަށް ފުލުހުން އަންގައިފި އެވެ.
1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުމަށް ގޮވާލައި، މުޅި ރާއްޖޭގައި އަޑުއުފުލުމުގެ ހަރަކާތްތަކެއް މިއަދު ހިންގަން އިދިކޮޅު ފަރާތްތަކުން ނިންމާފައިވާއިރު އެކަމަށް އަޑުއުފުލުގެ ގޮތުން ކުޅުދުއްފުށީގައި ބާއްވަން ހަމަޖައްސާފައިވަނީ ވެހިކަލު ބުރެކެވެ.
ޓެކްސީ ސެންޓަރުތަކަށް މިއަދު ފުލުހުން މިކަން އަންގާފައިވަނީ ފޯނުން ގުޅައިގެން އަނގަބަހުން ނެވެ.
” ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ގުޅާފައި އެންގީ ޓެކްސީ ސެންޓަރުގެ ކާރުތައް މިއަދު ބާއްވާ ވެލިކަލް ބުރުގައި ބައިވެރިނުކުރުމަށް. އިތުރު އެއްޗެއް އަންގާފައެއް ނުވޭ. ބައިވެރިކޮށްފިނަމަ ފިޔަވަޅު އަޅާނަމެކޭވެސް ނާޅާނަމެކޭވެސް ނުބުނޭ.” އެކަން އެނގޭ މީހަކު ކޭއޯއަށް ކިޔައިދިނެވެ.
ފުލުހުން މިހެން ޓެކްސީ ސެންޓަރުތަކަށް އަންގާފައިމިވަނީ މިއަދު ބާއްވާ އެެއްވުމަކީ ސުލްހަވެރި އެއްވުމެއް ނޫންކަމަށާއި އެއްވުމަށް ފުރުސަތު ނުދޭނެކަމަށް ބުނެފައިވަނިކޮންނެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެފައިވަނީ އެ އެއްވުމުގައި ބައިވެރިވާން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ގޮވާލަމުންދާ ކަމަށާއި އެކަމުގައި އާންމުން ބައިވެރިކުރަން ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމަކު ފުލުހުންނަށް މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ އެކަމަށް ފުލުހުން ޖާގަނުދޭނެ ކަމަށެވެ.
ކޭއޯއާ ވާހަކަދެއްކި ބައެއް ޓެކްސީ ޑްރައިވަރުން ބުނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ވެހިކަލު ބުރުގައި ޓެކްސީތައް ބައިވެރިކޮށްގެން ނުވާނެ ކަމަށް ފުލުހުން އަންގާފައިވާތީ އެއްވެސް ޑްރައިވަރަކު އެ އެއްވުމުގައި ބައިވެރިނުވުމަށެވެ. އަދި ޓެކްސީތައް ބައިވެރިކުރާ ޑްރައިވަރުންނާ މެދު އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެކަމުގައި އިންޒާރުވެސް ޑްރައިވަރުންނަށް ބައެއް ސެންޓަރުތަކުންދީފައިވާކަމަށް ޑްރައިވަރުން ބުނެ އެވެ.
ސިޔާސީ ޕާޓީތަކުން މީގެ ކުރިން ބާއްވާ މިފަދަ ވެހިކަލު ބުރުތަކުގައި ޓެކްސީ ސެންޓަރުތަކުގައި ޓެކްސީތައް ފައިސާ ދީގެން ބައިވެރިކުރެ އެވެ. އަދި ދާދި ފަހުން ރައީސް ޔާމީނަށް ތާއިދުކޮށް ކުޅުދުއްފުށީގައި ޕީޕީއެމް އިން ބޭއްވި ވެހިކަލު ބުރެއްގައިވެސް ފައިސާ ދީގެން ޓެކްސީތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެ އެވެ.