twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޫސްވެރިކަމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއަޅަމުންދާއިރު ބެލެނިވެރި ފަރާތްތައް ހަނު !

Feb 17, 2018

ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ކަވަރު ކުރުމަށްޓަކައި އުޅުނު ނޫސްވެރިންނަށް ފުލުހުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމުގެ ތުހުމަތު އުފުލިފައިވާއިރު، ނޫސްވެރިންގެ ހައްގުގައި ވާހަކަ ދައްކާނެ އެއްވެސް ފަރާތެއްނުވި އެވެ. މީޑިޔާ ކައުންސިލާއި ބްރޯޑްކޮމްވެސް މިކަމާ މިހާތަނަށް އެއްވެސް އެއްވެޗެއް ބުނެފައި ނުވާއިރު ރޭ މުޒާހަރާ ކަވަރު ކުރުމަށް އުޅުނު ނޫސްވެރިނަން ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

އެގޮތުން އެކަން ކުށްވެރިކޮށް ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނާ މެދު އަމަލު ކުރަމުން ދިޔައީ ސިއްސައިގެން ދާހާ އަނިޔާވެރިކޮށް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދޭ މަންޒަރު ތަކުރާރުކޮށް ފެންނަމުންދާ ކަމަށެވެ.

ރޭ މުޒާހަރާގައި ފުލުހުން ވަނީ ނޫސްވެރިކަމަށް ހުރަސްއަޅައި، އެއްވުން ކަވަރުކުރަން އުޅުނު ނޫސްވެރިންގެ ލޮލަށް ޕެޕަރސްޕްރޭ ޖަހައި، ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ކޮއްޕައި ހަދާފައެެވެ. މި މަންޒަރުތައް ލައިވްކޮށް އެންމެންގެ ކުރިމަތީގައި ހިންގާފައި ވީނަމަވެސް ފުލުހުން އަދިވެސް މަސައްކަތްކުރަނީ ނޫސްވެރިން ކުށްވެރިކުރުވާނެ ގޮތެއް ހޯދުމަށެވެ.

މުޒާހަރާ ކަވަރު ކުރުމަށް އުޅުނު ނޫސްވެރިން ކުށްވެރިކޮށް ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޒާަހަރާ ކަަވަރު ކުރުމަށް އުޅުނު ބައެއް ނޫސްވެރިންގެ އަމަލުތައް ހުރީ އެ މަުޒާހަރާގެ ބައިވެރިންނާއި އެއް ހަމައެއްގައި ކަމަށެވެ.

ނޫސްވެރިންނަށް އެތައް އަނިޔާއެއް ލިބިފައިވާއިރު، މިއަދު ފުލުހުން ނެރުނު ބަޔާނުގައި ފުލުހުން ވަނީ އެއީ ނޫސްވެރިންގެ މައްސަލައެއްކަމަށް ހަދަން މަސައްކަތް ކޮށްފައެވެ. ކޮންމެ ހާލަތެއްގައި ވެސް ފުލުހުންނަށް ނޫސްވެރިންނަށްވެސް އަދި އެހެންބަޔަކަށްވެސް އަނިޔާކޮށް މާރާމާރީ ހިންގައެއް ނުހެދޭނެ އެވެ. އަދި ނޫސްވެރިން މުޒާހަރާއާއި އެއްވުންތަކުގެ ހަބަރުތައް ވަގުތުން ގެނެސްދިނުމަށް ހުރަހެއް ވެސް ނޭޅޭނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކުއްލި ހާލަތުގައި ވެސް ހަނިނުކުރެވޭނެ ހައްޤެއްކަން ފުލުހުންނަށް ވެސް އެނގޭނެއެވެ.

ރޭ ގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާ ހޯދާފައިވާއިރު، ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ގެ ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާދީފައިވާއިރު އޭނާ އަދިވެސް އޮތީ އޮބްޒަވެޝަންގަ އެވެ.

މީގެ އިތުރުން ބައެއް މީޑިއާތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ޕީޕީއެމުން ގޮވާލާފައިވާއިރު، ރާއްޖެ ޓީވީ އާއި ވީޓީވީން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށާއި އެގޮތަށް ހަބަރު ފަތުރާ ވަސީލަތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަމަށް އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ދަށުދަރަޖައިގެ މިއަމަލު ގިނަ މީޑިޔާތަކުންނާއި ބޭރުގެ ޖަމާއަތްތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުން މިކަމުގެ ހަގީގަތް އަނބުރާލަން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ރޭ ދަންވަރު މީޑިއާ ކައުންސިލުގެ މެމްބަރުން ވަނީ ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް އަނިޔާ ލިބުނު ނޫސްވެރިންގެ ހާލު ބައްލަވާފައެވެ. މީޑިއާ ކައުންސިލުން މި މައްސަލައިގައި ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355