twitterviber whatsapp telegramfacebookyoutube instagram
11th May 2024

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުުރުކުރަން ފާސްކޮށްފި

Feb 20, 2018

މި މަހުގެ 5 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ އާ ހިލާފަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ހާޟިރުވެވަޑައިގެން ނެތް ޖަލްސާއެްގައި ވޯޓަށް އަހައިގެންނެވެ.

މި މަހުގެ 5 ވަނަ ދުވަހު 15 ދުވަހުގެ މުއްދަތަށް އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދަށް ހަމަވާއިރު، އެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ހުށަހަޅުއްވާފައިވަނީ އިއްޔެ އެވެ. ނަމަވެސް އިއްޔެ އެ ގަރާރު ފާސްކުރަން ވޯޓަށް އަހާފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޖަލްސާގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އިދިކޮޅު ކޯލީޝަނުގެ އެއްވެސް މެމްބަރަކު މިއަދު އާއި އިއްޔެ ބޭއްވި ޖަލްސާތަކުގައި ބައިވެރިވަޑައިގެންފައި ނުވާއިރު އިދިކޮޅު ފަރާތްތަކުންނާއި ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި، ކުއްލި ހާލަތު އިއުލާނުކުރުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުން ކަންކުރަމުން އައީ ގާނޫނުއަސާސީ ހިލާފަށެވެ. އަދި މިއަދު އެ ގަރާރުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި ޖަލްސާއަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިއަދުގެ ޖަލްސާ ބާއްވައި ވޯޓަށް އެހި ވަގުތު ޖަލްސާގައި 40 މެމްބަރުން ތިއްބެވިކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ގަރާރު ފާސްކުރަން ވޯޓުގައި ބައިވެރިވީ 38 މެމްބަރުންނެވެ. ގަރާރު ފާސްވެފައިވަނީވެސް 38 މެމްބަރުންގެ ވޯޓާއެކު އެވެ.

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރުވެސް ތިއްބެވީ ހައްޔަރުކޮށްފައެވެ. އަދި މަޖިލީހުގެ ތިން މެމްބަރަކުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުތަމުގައި ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެހެނިހެން ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355