twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނެގި ވޯޓުގައި މެމްބަރު ނަޝީދު ބައިވެރިވެ ވަޑައިނުގެންނެވި!

Feb 20, 2018

މި މަހުގެ 5 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުންނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިނުގަންނަވެއެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ އާ ހިލާފަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ހާޟިރުވެވަޑައިގެން ނެތް ޖަލްސާއެްގައި ވޯޓަށް އަހައިގެން ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިތުރުކޮށްފައިވާއިރު، މި މައްސަލައިގައި އިއްޔެ ނަޝީދު ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ ބާރުތައް ހިފެހެއްޓޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މެމްބަރު ނަޝީދު ބައިވެރިވެ ވަޑައިނުގަންނަވާއިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދުގެ ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ. އިދިކޮޅު ކޯލީޝަނުން ވަނީ މި މައްސަލައިގައި ކުރިއަށްގެންދާ ޖަލްސާތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެ މަޖިލިސް ބޮއިކޮޓް ކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާވެސް ވަނީ ޖަލްސާ ދޫކުރައްވާ ނުކުންނަވާފައެވެ.

އިދިކޮޅު ފަރާތްތަކުންނާއި ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި، ކުއްލި ހާލަތު އިއުލާނުކުރުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުން ކަންކުރަމުން އައީ ގާނޫނުއަސާސީ ހިލާފަށެވެ. އަދި މިއަދު އެ ގަރާރުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި ޖަލްސާއަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިއަދުގެ ޖަލްސާ ބާއްވައި ވޯޓަށް އެހި ވަގުތު ޖަލްސާގައި 40 މެމްބަރުން ތިއްބެވިކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ގަރާރު ފާސްކުރަން ވޯޓުގައި ބައިވެރިވީ 38 މެމްބަރުންނެވެ. ގަރާރު ފާސްވެފައިވަނީވެސް 38 މެމްބަރުންގެ ވޯޓާއެކު އެވެ.

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރުވެސް ތިއްބެވީ ހައްޔަރުކޮށްފައެވެ. އަދި މަޖިލީހުގެ ތިން މެމްބަރަކުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުތަމުގައި ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެހެނިހެން ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355