twitterviber whatsapp telegramfacebookyoutube instagram
10th May 2024

ކުޅުދުއްފުށީ ކައުންސިލްގެ، އިދާރީ ހިންގުން ދޯދިޔާކަމަށް ދޭހަވާގޮތަކަށް އެކައުންސިލްގެ ރައީސް ވާހަކަދައްކައިފި

Feb 25, 2018

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ، އިދާރީ ހިންގުން ދޯދިޔާކަމަށް ދޭހަވާގޮތަކަށް އެކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވާހަކަދައްކަވައިފި އެވެ.

ލާމަރުކަޒީ ގާނޫނުވާ ގޮތަށް ކުޅުދުއްފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން  އެކައުންސިލް ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކައުންސިލަށް ލިބެންޖެހޭ ފައިސާ ނުލިބިވާކަން އެނގުނީ ވަރަށް ފަހުން ކަމަށާއި އެކަންކަން އޮތީ ކުރީގެ ކައުންސިލަރުންނަށްވެސް ނޭނގި ކަމަށެވެ. އަދި އެކަންތައް އެނގުނީ “އަޅުގަނޑުމެން” ކުރި މަސައްކަތުން ކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

ކައުންސިލް އިދާރާގެ އިދާރީ ހިނގުން ދޯދިޔާކަން ސީދާ ހާމަނުކޮށް، އަބުދުލް ލަތީފް ވިދާޅުވީ އެކަން އެހެންވަނީ މުވައްޒަފުން މަދުވުމާއި ވަސީލަތްތަލާއި އެކަށީގެންވާ ފަންނީ ބޭފުޅުން ކައުންސިލްގައި ނެތުމުން ކަމަށެވެ. އެއީ ކައުންސިލަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ތަކުރާރުކޮށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

ކުރީގެ ކައުންސިލްތަކުން އާމްދަނީ ރިޕޯޓް ހަދަމުން ގޮސްފައިވަނީ އިރާދީ ބޭފުޅުންގެ ލަފާގެ މަތިން ކަމަށްވެސް އަބުދުލް ލަތީފް ވިދާޅުވި އެވެ. އެހެންކަމުގެ ސަބަބުން ކުރީގެ ކައުންސިލްތަކުން ހަދާފައިވާ އާމްދަނީ ރިޕޯޓްގައި މައްސަލަތަކެއް ހުންނާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“މުވައްޒަފުން މަދުވުމާއި އޮފީހުގެ ވަސީލަތްތައް މަދުވުމާއި އެކަށީގެންވާ ފަންނީ ބޭފުޅުން އޮފީހުގައި ނެތުމާއި އެފަދަ އެތައް ކަމެއް އެބަހުރި.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް އެނގެން ޖެހޭ އެތައްކަމެއް ނޭނގި އެބަހުރި ކަމަށާއި އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ގާނޫނޫތައް ފުށުއަރާފައި ހުރުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކައުންސިލްތަކަށް ކުރިމަތިވާކަންވެސް އަބުދުލް ލަތީފް ވާހަކާގައި ފާހަގަކުރެއްވި އެވެ.

ކައުންސިލަށް ދިމާވާ ފައިސާގެ މައްސަލަތައް ހައްލުކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށާއި ކައުންސިލްތަކަކީ އަމިއްލަ ޒާތުގައި ކޯޓްތަކަށްވެސް ދެވޭވަރުގެ ބައެއް ނޫންކަމަށެވެ. އަދި އެފަދަ މައްސަލަ ދިމާވެއްޖެނަމަ ކޯޓްތައް ދާން ޖެހެނީވެސް ވަރަށް ދުރުމަގަކުން ކަން އަބުދުލް ލަތީފް ވިދާޅުވި އެވެ.

ކައުންސިލް އިރާދާތަކުގެ އިދާރީ ހިންގުން ހަވާލުވެހުންނަވަނީ އެއިދާރާއެއްގެ ޑިރެކްޓަރެކެވެ. ޑިރެކްޓަރެއް ނެތް ކައުންސިލްތަކުގައި ތިއްބަވަނީ އެސިސްޓެންޓް ޑިރެކްޓަރުންނެވެ. ލާމަރުކަޒީ ގާނޫނޫ ބުނާގޮތުން ނަމަ ކައުންސިލަރުންނަކީ ޕޮލިސީ ލެވެލްގައި މަސައްކަތް ކުރައްވަން ޖެހޭ ބައެކެވެ. އެކަންކަން ތަންފީޒުކުރަނީ އެކައުންސިލެއްގެ ޑިރެކްޓަރަކު އަންގާގޮތަކަށް ސިވިލްސާވަންޓް މުވައްޒަފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355