twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސާފުތާހިރުކަން ކުޑަވުމުންނާއި ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކި 7 ތަނެއް ބަންދުކޮށްފި

Feb 26, 2018

ސާފުތާހިރުކަން ކުޑަވުމުންގެ ސަބަބުންނާއި ޕަބްލިކް ހެލްތް ޔުނިޓްގައި ރަޖިސްޓްރީނުކޮށް އާންމުންނަށް ކާބޯތަކެތީގެ ހިދުމަތްދެމުންދިޔަ 7 ތަނެއް ބަންދުކޮށްފި އެވެ. މި 7 ތަނަކީވެސް ކުޅުދުއްފުށީގައި ހުރި ތަންތަނެވެ.

ހދ އެޓޯލް ހެލްތް ސާވިސަސް އިން ބަންދުކުރި މި 7 ތަނުގެ ތެރޭގައި ހިމެނެނީ 5 ރެސްޓޯރެންޓާއި ދެ ބޭކަރީ އެވެ. އެއީ ކޮއްތުރޮށި ކެފޭ، ހާބަރ ޓައުން ކޮފީ ޝޮޕް، ފުޑްޕާރކް ރެސްޓޯރެންޓް، ރިއަލް ފުޑް ކެފޭ، ސަހާމާ ޕެލަސް ރެސްޓޯރެންޓް، އެޗް.އޭ ބޭކަރީ އަދި ބްރެޑް ޕީސް ބޭކަރީ އެވެ.

ހދ ހެލްތް ސާވިސަސް އިން ބުނީ މިތަންތަން މިއަދުން ފެށިގެން ބަންދުކުރެވިފައިވަނީ ކާބޯތަކެތީގެ ހިދުމަތްދިނުމުގައި ހުންނަށް ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދުގެ ދަށުން، ބަލާފާސްކުރާއިރު މި ގަވައިދުގެ ބުނާ ކަންތައްތަކާ ހިލާފުވުން ނުވަތަ ހުންނަން ޖެހޭ މިންގަނޑުތަކަށް ނުހުރުމުގެ ސަބަބުންނާއި، ޕަބުލިކް ހެލްތް ޔުނިޓްގައި ރަޖިސްޓްރީނުކޮށް އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭތީ ކަމަށެވެ.

ބަންދުކުރި ތަންތަނުގެ ތެރޭގައި ސާފުތާހިރުކަން ކުޑަވެގެން ބަންދުކުރީ ކޮންތަންތަނެއްކަން އެސާވިސަސް އަކުން ހާމައެއް ނުކުރެ އެވެ. އަދި ރަޖިސްޓްރީނުކޮށް ހިދުމަތް ދެމުންދިޔަ ތަންތަނުގެ މައުލޫމާތުވެސް ހާމަކޮށްފައެއް ނުވެ އެވެ.

ހދ އެޓޯލް ސާވިސަސް ބުނީ ގަވައިދުގެ މަގްސަދަކީ ތަންތަނުގެ ވިޔަފާރި ބަންދުކުރުންނޫ ކަމަށާއި ކޮންމެ ތަނަކީވެސް ސާފުތާހިރު މީހުން ބަލައިގަންނަ ރަނގަޅު ހިދުމަތަކަށް ވުން ކަމަށެވެ. އަދި މިއަދު ބަންދުކުރެވުނު ތަންތަނުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭގޮތުން ރިޕޯޓެއް އެތަންތަނުގެ ވެރިންނަށް ހަވާލުކުރިކަމަށް އެސާވިސަސް މައުލޫމާތުދެ އެވެ.

އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު ޕަބުލިކް ހެލްތް ޔުނިޓަށް ހުށަހެޅުމުން ތަން ބަލާ ޗެކްކޮށް، ގަވާއިދުގެ މިންގަނޑަށް ހުރިނަމަ އެތަނެއް އަލުން ހުޅުވުމުގެ ހުއްދަދެވޭނެ ކަމަށް ހދ އެޓޯލް ހެލްތް ސާވިސަސް ބުނެ އެވެ.

ހދ އެޓޯލް ހެލްތް ސާވިސަސް އިން ބުނީ ބަންދުކުރި ތަންތަނުގެ ފެންނާނެހެން ނޯޓިސް އެއް ހަރުކޮށްފައިހުންނާނެ ކަމަށާއި ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355