މުހައްމަދު އިސްމާއިލް
މަތި އުތުރުގެ ގައުމީ އިދާރާގެ އިދާރީ އޮނިގަނޑު އެކުލަވާލައި ނިމޭއިރު މިހާރު އެއޮފީހުގައި ވަޒީފާ އަދާކުރަމުންދާ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން މަތިއުތުރު ޕްރޮވިންސް އޮފީހުގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އުފައްދަވާފައިވާ އޮފީސް ގައުމީ އިދާރާގެ ނަމަށް ބަދަލުކޮށް އެ އޮފީހުގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލުގެ ސަބަބުން މިވަގުތު އެއޮފީހުގައި މަސައްކަތް ކުރަމުންދާ 21 މުވައްޒަފުން މަގާމު އުވާލުމުގެ ސަބަބުން ވަޒީފާއިން ވަކިކުރާނެ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މަތިއުތުރުގެ ގައުމީ އިދާރާ ގެ އޮނިގަނޑަށް ގެނެވެމުންދާ އިސްލާހުތައް އެނގޭ މީހަކު މައުލޫމާތު ދިން ގޮތުގައި މިގެނެވޭ ބަދަލުގެ ސަބަބުން ސެކްރެޓަރީ ފެންވަރުގެ މަގާމުތަކުގެ އިތުރުން ސީނިއަރ އޮފިސަރ ލެވެލްގެ ގިނަ މަގާމުތަކެއްވެސް އުވިގެންދާނެއެވެ.
ހޯމް އެފެއާރޒްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ ހަސަން ޒިޔާދު ވަނީ ގައުމީ އިދާރާގެ އޮނިގަނޑު އެކުލަވާލަމުންދާ ކަން ކުޅުދުއްފުށީ އޮންލައިން އަށް ކަށަވަރު ކޮށްދެއްވާފައެވެ. އެހެންނަމަވެސް ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރާނެކަމެއް ނުވަތަ ވަޒީފާތަކެއް އިތުރުވާނީ ކަމެއް އަދި ވިދާޅުވާން ނޭގޭ ކަމަށާއި ފުރިހަމަ މައުލޫމާތެއް ދެވޭނީ އެމަސައްކަތް އެއްކޮށް ނިންމާލެވުމުންކަމަށް ވިދާޅުވިއެވެ.
މަތި އުތުރުގެ ގައުމީ އިދާރާގެ ޕްރޮވިންސް ކޯޑިނޭޓަރސޫޒަން އިބްރާހިމް ވެސް ވިދާޅުވީ އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ރަސްމީކޮށް އެ އޮނިގަނޑާ ބެހޭގޮތުން މައުލޫމާތު ދެވޭނީ އެމަސައްކަތް މުޅިން ނިންމާލެވުމުން ކަމަށެވެ.
ކުޅުދުއްފުށީ އޮންލައިން އަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މިހާރު އެއޮފީހުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންތައް މަދުކޮށް އޭގެ ބަދަލުގައި އާ ސިޔާސީ މަގާމުތަކެއް އެ އޮނިގަނޑުގެ ސަބަބުން އުފެދިގެންދާނެ އެވެ.