twitterviber whatsapp telegramfacebookyoutube instagram
20th May 2024

އިދިކޮޅު އެއްވުމަށް މަސްދޯނީގައި މީހުން އުފުލާނަމަ ލައިސެންސް ހިފަހައްޓާނެކަމުގެ އިންޒާރުދީފި

Mar 14, 2018

އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުންތަކަށް މީހުން އުފުލުމުގައި ފިޝަރީޒް މިނިސްޓްރީން ހުއްދައެއް ދީފައިވާ މަސް ދޯނިތައް ބޭނުން ކުރާނަމަ އެ ދޯނިތަކުގެ ލައިސެންސް ހިފަހައްޓާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން މަސްވެރިކަން ކުރަމުންދާ އުޅަނދުފަހަރު ހަމަނުޖެހުން ތަކުގައި އަދި ޣައިރު ގާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށާއި އެއީ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އެފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗާ ކުރުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

އެއްވުންތަކަށް މިހާރުވެސް މީހުން އުފުލަމުންދާ ކަމަށާއި އަދި އެކަން ކުރަން ތައްޔާރު ވަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޣައިރު ގަނޫނީ ހަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުން ކުރުމަކީ މަނާ ކަމެއްކަމަށާއި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ހަރަކާތްތެރިވާ މުވައްޒަފަކު، އޭޖެންޓަކު ނުވަތަ އެހެން މީހަކު، ގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން މި އިންޒާރުދިންއިރު އަންނަ ހުކުރު ދުވަހަށް އިދިކޮޅު ޕާޓީތަކުން ދަނީ ބޮޑު އެއްވުމަކަށް ތައްޔާރުވަމުންނެވެ. އެ އެއްވުމަށް ރަށްރަށުން މީހުން މާލެ ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355