ސަބްސްޓޭޝަން މަސައްކަތެއް ކުރުމަށްޓަކާ މާދަމާ ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކަނޑާލާނެކަމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުޅުދުއްފުށީ އޮފީހުން މިއަދު އާންމުކުރި އިއުލާނެއްގެ ބުނެފައިވަނީ ސަބްސްޓޭޝަން މަސައްކަތް ކުރުމަށްޓަކާ މާދަމާ ހެނދުނު 9 ން މަސައްކަތް ނިމެންދެން ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
ކަރަންޓްގެ ހިދުމަތް މެދުކަނޑާލާނީ މަގާމްމަގުން ދެކުނުން އަމީނީމަގުގެ އިރުން ހިމެނޭ ސަރަހައްދުގައިވާ ޑިސްޓްރިބިއުޝަން ފޮށިތައް މެދުވެރިކޮށް ކަރަންޓް ދީފައިވާ ގޭބިސީތަކާއި އެހެނިހެން ތަންތަނުން ނެވެ. އެސަރަހައްދުގައި ހިމެނޭނީ ނިކަގަސްމަގުގެ ދެކުނަށް ހުންނަ ގޭބިސީތަކާއި ތަންތަނެވެ.
ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން ބޭނުންކުރައްވާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ހުރިހާ އެއްޗަކުން ސްވިޗް އޮފް ކޮށްފައި ބެހެއްޓުމަށް ފެނަކައިން އެދެ އެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދޭކަމަށް ކަމަށް އިއުލާންގައިވެ އެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ ހިދުމަތް އަޕްގުރޭޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާކަން ފާހަގަކުރެވެ އެވެ.