twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެތުލީޓުން ގިނަވުމުން، އެސޯސިއޭޝަނުން އެދުނުގޮތަށް އެކޮމޮޑޭޝަން ހަމަޖައްސަން ދަތިވެއްޖެ !

Mar 15, 2018

އެތުލެޓިކްސް އެސޯސިއޭޝަނުން މިމަހު ފަހުކޮޅު ށ މިލަންދޫގައި ބާއްވަން ހަމަޖެހިފައިވާ މަކިޓާ ޖޫނިއަރ އެތުލެކްޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެތުލީޓުންނަށް އެކޮމޮޑޭޝަން ހަމަޖައްސަން މިލަންދޫ ކައުންސިލަށް ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އެދުނު ގޮތަށް އެތުލީޓުންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭން ދަތިތަކެއް ކުރިމަތިވެފައިވާކަން މިލަންދޫ ކައުންސިލުން މިހާރު ވަނީ އެ އެސޯސިއޭޝަނަށް އަންގާފައި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ އެސޯސިއޭޝަނުން އެެދުނުގޮތަށް އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަށް ދަތިތަކެއް ހުރިކަމަށާއި އެކަން އެގޮތަށް ހަމަޖައްސައިދެވެން ނެތްކަމަށް މިލަންދޫ ކައުންސިލުން ސިޓީއަކުން އެފަރާތްތަށް އަންގާފައިވާ ކަމަށެވެ.

” އަހަރެމެން މަސައްކަތް ކުރަމުން އައި ގޮތަށް އެކޮމޮޑޭޝަން ހަމަނުޖެއްސޭނެ ކަމަށް އަންގާ، އެހެން އޮޕްޝަންތަކެއް މިލަންދޫން ހުށަހަޅާފައި އިނީ.” އެސޯސިއޭޝަނުންގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ރާވާފައިވަނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުންގެ ތެރެއިން ބޭނުންވާ ކުދިން މިލަންދޫ ސްކޫލު ދަރިވަރުންނާ އެޓޭޗްކުރާ ގޮތަށް ކަމަށެވެ. މީގެ ކުރިންވެސް މުބާރާތް ބާއްވާއިރު އެހެން ރަށްރަށުން މުބާރާތަށް އަންނަ ކުދިން އެރަށެއްގެ ސްކޫލު ކުދިންނާ ހަވާލުކޮށް އެކޮމޮޑޭޝަން ހަމަޖައްސަ އެވެ.

އޭނާ ވިދާޅުވީ މިއަހަރު މުބާރާތުގައި އެހެން ފަހަރުތަކާ އަޅައި ބަލާއިރު ބައިވެރިވި އެތުލީޓުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރު މުބާރާތުގައި 23 ޓީމަކުން 544 އެތުލީޓުން ބައިވެރިވެފައިވާވެ އެވެ. އަދި އޮފިޝަލުންނާއެކު އެ އަދަދު 703 އަރަ އެވެ.

“އެހެން ވީމަ އެހުރިހާ ކުދިންނަށް އެގޮތަށް އެކޮމޮޑޭޝަން ހަމަޖައްސަން ދަތިވާތީ އެހެން އޮޕްޝަންތަކަކަށް މިލަންދޫ ކައުންސިލުން އެދިފައިވަނީ.” އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެކަމަށް ހައްލު ހޯދުމަށްޓަކާ އެތުލެޓިކްސް އެސޯސިއޭޝަނުން މިލަންދޫ ކައުންސިލާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި މުބާރާތް ބާއްވަން އޮތް ތާރީހްގައި މުބާރާތް އޮންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ މުބާރާތް ބާއްވަން ކައުންސިލުން ވަރަށް ބޭނުންވާ ކަމަށާއި ގިނަ އަދަދެއްގެ ކުދިންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަށް ދަތިތައް ކުރިމަތިވީ ފައިސާގެ ދަތިތަކާހެދި ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ މަސައްކަތް އެސޯސިއޭޝަނާ ގުޅިގެން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ މަހު 26 އިން 29 އަށް ކުރިއަށްގެންދާ މިމުބާރާތުގައި އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. ކުމުންދޫ ސްކޫލް، ހދ. މަކުނުދޫ މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ށ. ފޯކައިދޫ ސްކޫލް، ށ. ޅައިމަގު ސްކޫލް، ށ. މިލަންދޫ ސްކޫލް، ށ. ނަރުދޫ ސްކޫލް، އަދި ށ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މީގެ އިތުން ނ. ޅޮހީ ސްކޫލް، ރ. މަޑުއްވަރީ ސްކޫލް، ލ. މުންޑޫ ސްކޫލް، ލ. މާވަށު ސްކޫލް އަދި ގއ. ދާންދޫ ސްކޫލްވެސް މި މުބާރާތުގައި ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގައި ކްލަބުތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ކީން ޔޫތު ސްޕޯޓްސް އެކަޑަމީ، ކްލަބް މުގޫ ސްޕޯޓްސް، ތިނަދޫ ޒުވާނުންގެ ކްލަބް، ރައުހަތު ސްޕޯޓްސް، ކްލަބް ރާވެރިޔާ، ދަ ބްލެކް މާލިން، ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަން، ކްލަބް ކާމް ސްޕޯޓްސް އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލްތަކުގައި ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ކުޅިވަރެކެވެ. ސްކޫލް މުބާރާތްތަކުން ފާހަގަވި ގިނަ އެތުލީޓުން މިހާރު އަންނަނީ ގައުމީ ފެންވަރުގައި ވާދަކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355