twitterviber whatsapp telegramfacebookyoutube instagram
20th May 2024

ގޮނޑި ހުސްވެއްޖެނަމަ 5 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާނުކުރަންޖެހޭ

Mar 14, 2018

އެންޓި ޑިފެކްޝަން ބިލް މިއަދު ރައީސުލްޖުމުހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ އެެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް އެ މަގާމުން ވަކި ކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ، އެ ގޮނޑިއެއް ހުސްވިތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާން ކުރަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި އެންޓި ޑިފެކްޝަން ބިލް މިއަދު ގާނޫނަކަށް ވުމުން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ގާނޫނީ އެތައް މައްސަލައެއް މިކަމުގައި ހުރި ނަމަވެސް، އެ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ނަމަ، އިލެކްޝަން ކޮމިޝަނުން ގިނަވެގެން 5 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާނުކުރުން ގާނޫނުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމުކުރެއެވެ.

ބައި އިލެކްޝަން އިއުލާނު ކުރުމަށްފަހު މެމްބަރުކަމަށް އެދި ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އަދި، މަޖިލީހުގެ ގޮނޑި ހުސްވާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ދާއިރާތަކަށް މެމްބަރުން އިންތިހާބުކޮށް ނިންމަން ގާނޫނުއަސާސީގެ 78 ވަނަ މާއްދާގެ ދަށުން އިލެކްޝަން ކޮމިޝަނުގެ މައްޗަށް ލާޒިމުކުރެއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ބައި އިލެކްޝަން ބާއްވާ މެމްބަރުން އިންތިހާބުކުރަން ޖެހޭއިރު، މީގެ ކުރިންވެސް އިލެކްޝަން ކޮމިޝަނުން ބުނަމުން އައީ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށެވެ. އިލެކްޝަނުން މިހެން ބުނި ކަމުގައި ވީނަމަވެސް، އިލެކްޝަން ކޮމިޝަނަށް ގާނޫނުއަސާސީން ލާޒިމުކުރާ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން އައީ އެކި ބަހަނާތައް ދައްކަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނަކީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުން އެ މެމްބަރަކު އިންތިހާބުވި ޕާޓީ ބަދަލުކުރުން މަނާކުރާ ގާނޫނެކެވެ. އެ ގާނޫނުގައި ބުނެފައި ގޮތުގައި މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ވަކި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، އެ މެމްބަރެއް މަޖިލީހުން ވަކިކުރެވޭނެ އެވެ. އަދި މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބު ވުމަށްފަހު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅުނުކަމުގައި ވީނަމަވެސް އެ މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އެ ގާނޫނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355