twitterviber whatsapp telegramfacebookyoutube instagram
8th May 2024

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތިތަކުގެ ތެރެއިން އެއްވެސް މަސައްކަތެއްނުކޮށް ހުރި ގޯތިތައް ނަގަނީ

Mar 24, 2018

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތިތަކުގެ ތެރެއިން އެއްވެސް މަސައްކަތެއްނުކޮށް ހުރި ގޯތިތައް، ކައުންސިލަށް ނަގައި އެހެން ފަރާތްތަކަށް ދޫކުރާނެކަމުގެ އިންޒާރު ހދ ކުމުންދޫ ކައުންސިލުން ދީފި އެވެ.

ކުމުންދޫ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތިތަކުގެ ތެރެއިން ރުއް ގަހުގެ ބަދަލު ނުދައްކައި ސާފުކޮށް ބަލަހައްޓަމުން ނުދާ އަދި ދިރިއުޅުމަށް ގޯތީގައި އެއްވެސް މަސައްކަތެއް ނުކޮށް ހުރި ގޯތިތައް އެކައުންސިލުން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ގޯތި ދިނުމަށް ހުއްދަދޭ ގޯތީގެ އަދަދު ހައުސިންގ މިނިސްޓްރީން މަދުކޮށްފައިވާ ކަމަށެވެ. އެގޮތުން 7 ގޯއްޗެއް ކައުންސިލުން ވަނީ ފާހަގަކޮށް އާންމުކޮށްފައި އެވެ. އެ 7 ގޯތީގެ ވެރިން އެ ގޯތިތަކާ މެދު އަމަލުކުރާނެ ގޮތެއް 1 މަސްދުވަހުގެ ތެރޭގައި ކައުންސިލަށް އެންގުމަށް ކުމުންދޫ ކައުންސިލުން އެދެ އެވެ.

އެމުއްދަތުގެ ތެރޭގައި  ލިޔުމަކުން ވަކި އެއްޗެއް ނާންގައި ފަރާތްތަކުގެ ގޯތިތައް ކައުންސިލުން އަލުން އެހެން ފަރާތްތަކަށް ދޫކުރާނެކަމުގެ އިންޒާރުވެސް އިއުލާންގައިދީފައިވެ އެވެ.

އަދި އެފަރާތްތަކަށް އަލުން ގޯތި ލިބޭނީ ކައުންސިލަށް ގޯއްޗަށް އެދި އަލުން ހުށަހެޅުމުންކަމަށްވެސް ކުމުންދޫ ކައުންސިލުން ބުނެ އެވެ.

މި ގޯތިތަކުގެ އިތުރުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ސާފުކޮށް އެ ގޯއްޗެއްގެ މަގުފަޅި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އަދި އެފަދަ ގޯތިތައް ސާފުކޮށް އެ ގޯއްޗާއި އިންވެގެން އޮންނަ މަގުފަޅި ގަވާއިދު ސާފުކޮށް ބަލަހައްޓަމުން ނުދާނަމަ އެފަދަ ގޯތިތައްވެސް ހައުންސިންގ މިނިސްޓްރީގެ ލަފާގެ މަތިން އެ ގޯތިތައް ކައުންސިލަށް ނަގައި ގޯތި ބޭނުންވާ އެހެން ފަރާތްތަކަށް އެ ގޯތިތައް ދޫކުރެވޭނެކަމަށްވެސް ކައުންސިލްގެ އިއުލާންގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355