މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ހއ މުރައިދޫ ހޯދައިފި އެވެ. މުރައިދޫ ޗެމްޕިއަންކަން ހޯދީ ދެ ވަނަ ލެގް މެޗުގައި ހަނިމާދޫއާ ކުޅެގެން 2-2 އެއްވަރުވުމުން އެގްރިގޭޓް ނަތީޖާއިން 2-4 ގެ ތަފާތުން ކުރި ހޯދައިގެންނެވެ.
މުރައިދޫ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލީޑް ނެގީ ހަނިމާދޫ އިންނެވެ. ފުރަތަމަ ހާފްގެ 49 ވަނަ މިނިޓްގައި ހަނިމާދޫ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އުންމީދީ ފޯވާޑް އާސިފް ސަލީމެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ނަތީޖާއަކުން ހަނިމާދޫ ކުރި ހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިތަނުން މުހަންމަދު ހާލިދު ލަނޑެއް ޖަހައި ހަނިމާދޫގެ ލީޑް ފުޅާކުރި އެވެ. ހަނިމާދޫ ދެވަނަ ލަނޑު ޖަހާފައިވަނީ 59 މިނިޓްގަ އެވެ.
ހަނިމާދޫގެ ދެވަނަ ލަނޑާއެކު މުރައިދޫ ޓީމުގެ ކުޅުން ވަރުގަދަކޮށް، ހަނިމާދޫގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނިޓްގެ ތެރޭގައި އިސްމާއިލް ފަތީ ލަނޑެއް ޖަހާ މުރައިދޫއަށް ސުމެއް ކަނޑުވާލަދިނެވެ. މުރައިދޫ ލަނޑެއް ޖެހިތާ ހަ މިނިޓް ތެރޭގައި ފަހަތުން އަރައި އިތުރު ލަނޑެއް ޖަހާ މުރައިދޫން ނަތީޖާ ހަމަހަމަ ކުރި އެވެ. މި ލަނޑުވެސް މުރައިދޫއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ފަތީ އެވެ.
ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ބަލާލުމަށް ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ސަޕޯޓްކޮށްފައިވެ އެވެ.