twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޖަޕާނަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރު ވަމުންދާ ކަމަށް ރަށު ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ

Mar 18, 2011

އިބްރާހިމް ހަމީދު

ޖަޕާނަށް ދިމާވި ހިތާމަވެރި ގުދުރަތީ ކާރިސާއަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގުމަށް ތައްޔާރު ވަމުން ގެންދަވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ މިހަރަކާތަކީ ދިވެހިރާއްޖެ އާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޖަޕާނުގެ ރައްޔިތުންނަށް މިދިޔަ ހުކުރު ދުވަހު ދިމާވި ހިތާމަވެރި ގުދުރަތީ ކާރިސާއާއި ގުޅިގެން ރާއްޖޭން އެހީތެރިވުމަށް މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލާއި އަދި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ހިންގޭ ހަރަކާތް ތަކެއްކަމަށެވެ. އަދި މިހަރަކާތް ތައް މުޅިރާއްޖޭގައި ހިންގޭނެކަމަށާއި މިހަރަކާތް ތަކުގައި އެންމެ އިސްކޮށް އުޅެނީ މިތިން ފަރާތުންކަމަށް ވިދާޅުވިއެވެ.

އެގޮތުން މާދަމާ މިހަރަކާތްތަކަށް ފެށިގެންދާނީ ޖަޕާނަށް ބިންހެލުން އައި ގަޑީގައި ކަމަށާއި އެވަގުތުން ފެށިގެން ޖަޕާނަށް އެހީވުމަށްޓަކައި ހިންގޭ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ދާނެކަމަށް ޖަމްޝީދު މައުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށީގައި އެހީގެ ހަރަކާތް ފެށުމުގެ ގޮތުން ކުޅުދުއްފުށީ ބަރާބަރު ފިހާރަ، ނިޝާން ފިހާރައިގެ އިތުރުން އެހެނިހެން ސަރަހައްދު ތަކުގައި ވެސް ފަންޑު ފޮށި ބެހެއްޓޭނެއެވެ. އަދި ހުކުރު ދުވަހު ހަވީރު 4:30 ގައި އަމީރު އަމީން ސްކޫލު ސަރަހައްދުން ފެށިގެން ހިނގާލުމެއް ކުރިއަށް ދާނެއެވެ.

މާދަމާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ހުކުރު ދުވަހުގެރޭ ކުޅުދުއްފުށީ ބަންޑާރަ މައިދާން  (ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދު) ގައި ޖަޕާނަށް ދިމާވި ހިތާމަވެރި ގުދުރަތީ ކާރިސާއާއި ބެހޭ މަޢުލޫމާތާއި ރާއްޖެއަށް ޖަޕާނުން ވެދެއްވާފައިވާ އެހީތަކާއި ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުމުގެ މަޢުލޫމާތު ހިއްސާކުރުން އޮންނާނެއެވެ. އަދި ޖެހިގެން އަންނަ ހޮނިހިރު ދުވަހު ހެނދުނު ޖަޕާން އެހީގެ ފަންޑަށް ފައިސާ ހޯދުމަށްޓަކައި ހާއްސަ ބާޒާރެއް ފެށިގެން ކުރިއަށްދާނެކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ. އެބާޒާރުގައި މޭޒެއް ވިއްކާ އަގަކީ 250 ރުފިޔާ ކަމަށާއި އެމޭޒުތަށް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރެވޭނީ ޖަޕާނަށް އެހީވުމަށް ތައްޔާރުކުރާ ފަންޑަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖަޕާނުގެ ރައްޔިތުންނަށް އެހީ ވުމަށްޓަކައި ހިންގޭ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން އެންމެހާ ރައްޔިތުން ކިބައިން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު އެދިވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355