twitterviber whatsapp telegramfacebookyoutube instagram
10th May 2024

ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔުމަށް މަކުނުދޫން ތައްޔާރުވަނީ

Apr 1, 2018

މިމަހު 5-7 މަކުނުދޫގައި ބާއްވާ ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ކައުންސިލް ހާމަކޮށްފި އެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު މިއަދު ކޭއޯއަށް ވިދާޅުވީ، ޤުރުއާން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިއްޔެ ރަށުގެ ބައެއް މުވައްސަސާތަކާއި ރައްޔިތުންނާއި ގުޅިގެން ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފައިވެ އެވެ.

މިހާރު ކުރިއަށްދާ ބައެއް މަސައްކަތްތަކާ ބެހޭގޮތުން ޝާކިރު ވިދާޅުވީ، މިސްކިތްތަކުގެ ބޭރު ފާރުގައި ކުލަލުމާއި ރަށުތެރޭގައި ވިނަ ގަސް ހެދިފައިހުރި ތަންތަން ސާފުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ބެނާ ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ ޤުރުއާން މުބާރާތަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ހޫނު މަރުހަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ. ” އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މުބާރާތަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން، މަކުނުދޫއަކީ ހަމަ ނަމްބަރު ވަން އޭ ބުނެލާވަރުވޭތޯ.” ޝާކިރު ވިދާޅުވި އެވެ.

އެއްވެސް ދިމާއަކުން ވީކް ޕޮއިންޓެއް ފާހަގަނުވާނޭހެން، ހުރިހާކަމެއް ފުރިހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށް ޝާކިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިމަސައްކަތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކަމެއް ފުރިހަމަކޮށް ކުރާއިރު ހަރަދުތަކެއް ހިނގާނެ ކަމަށާއި އަތޮޅު ކައުންސިލް ދޭ ބަޖެޓުން ހުރިހާކަމެއް އެންމެ ފުރިހަމައަށް ނުވާތީ، ފައިސާގެ އެހީތެރިކަންވެސް ކުންފުނިތަކާއި މަސްވެރިންގެ އިތުރުން ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

” މުބާރާތް އިތުރަށް ކޮލިޓީކުރުމަށްޓަކާ ފަންޑު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް.” މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ޤުރުއާން މުބާރާތުގައި ހދ އަތޮޅުގެ 11 ރަށަކުން 128 ދަރިވަރުން ބައިވެރިވެފައިވާއިރު ބެލެނިވެރިންނާއި އޮފިޝަލުންނާއެކު 300 އެއްހާ މީހުން އެރަށަށް އަރާނެކަމަށް ލަފާކުރެވެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355