twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަޑުއްވަރީގެ ބެލެނިވެރިން ޝުކުރު: އަފީފުއްދީންގެ ބެލެނިވެރިންނަށް ކެއުމަކުން !

Apr 1, 2018

މަކިޓާ އެތުލެޓިކްސްއަށް ރ މަޑުއްވަރީ ސްކޫލުން އައި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިން އަފީފުއްދީން ސްކޫލުގެ ބެލެނިވެރިންނަށް މަޑުވަރީގެ ބެލެނިވެރިންގެ ފަރާތުން ކެއުމެއް ދީފި އެވެ.

ކުޅުދުއްފުށީގައި މިދިޔަ މަހު 26-29 ކުރިއަށްގެންދިޔަ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މަޑުއްވަރީ ސްކޫލުގެ 56 ދަރިވަރަކު ބައިވެރިވި އެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން ރައްޓެހިންނާއި އާއިލާގެ މީހުންގެ ގާތުގައި ތިބިއިރު އަނެއް ބައި ކުދިން ތިބީ އަފީފުއްދީން ސްކޫލުގެ ބެލެނިވެރިންގެ ބެލުމުގެ ދަށުން އެމީހުން ގޭގޭގަ އެވެ.

މަޑުއްވަރީގެ ދަރިވަރުންނަށް ބެހެއްޓި ގާތްކަން ފާހަގަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތިދުވަހު ވަނީ މަޑުއްވަރީގެ ބެލެނިވެރިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިން އަފީފުއްދީންގެ ބެލެނިވެރިންނަށް ޝުކުރުއާދާކުރުމުގެ ގޮތުން ކެއުމެއް ދީފައި އެވެ. މި ކެއުން ތައްޔާރުކޮށްފައިވަނީ މިމުބާރާތަށް ކުޅުދުއްފުއްޓަށް އައިސް ތިބި މަޑުއްވަރީގެ ބެލެނިވެރިންނާއި އެރަށުގެ ބައެއް އޮފިޝަލުގެ އެހީތެރިކަމާއެކު އެވެ.

މަޑުއްވަރީ ސްކޫލުގެ ޕްރިންސިޕަލް މުހަންމަދު ޝުކުރީ މިއަދު ކޭއޯއަށް ވިދާޅުވީ ބެލެނިވެރިންނާ ދަރިވަރުން ހަވާލުކުރީ ޒިންމާތަކާއި މަސްއޫލިއްޔަތު ތަކަކާއެކު ކަމަށެވެ. ސްކޫލުން އެދުނު ގޮތަށް ދަރިވަރުން ވަރަށް ރަނގަޅަށް ބެލެނިވެރިން ބަލަހައްޓާދިންކަން ޝުކޫރީ ފާހަގަކުރެއްވި އެވެ.

” ކަންތައްތަކެއް ހަވާލުކޮށްފައި ކުދިން ބެލެނިވެރިންނާ ހަވާލުކުރީ، ނަމާދުކުރުވުމާއި ގެއިން ބޭރަށް ދިއުން ފަދަ ކަންތައްތަކެއް ބަލަހައްޓަން ހަވާލުކުރީ. ދަރިވަރުންނާ ހަވާލުވި އަފީފުއްދީންގެ ބެލެނިވެރިން ވަރަށް ޒިންމާދާރުކަމާއެކު ހަވާލުކުރި ކަންތައްތައް ފުރިހަމަކުރި. ވަރަށް ރަނގަޅު ބެލެނިވެރިން.” މަޑުއްވަރީ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ޝުކޫރީ ވިދާޅުވީ އެދުވަސްތަކުގައި ކުދިން ބޭރަށް ގޮސް އުޅޭތޯ އާއި ނަމާދުކުރޭތޯ ބަލައި ވަރަށް ގާތުން މޮނީޓަރ ކުރިން ކަމަށެވެ. އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަން އޭނާ ފާހަގަކުރި އެވެ.

ބެލެނިވެރިން ފަރާތުން ވަރަށް އެހީތެރިކަން ލިބުނުކަމަށާއި ކެއުމެއް ދިނުމަށް ރާވާލީ ހަމަ ކުއްލިއަކަށް ކަމަށެވެ.

” ޕޭރެންޓްސް ރަނގަޅުވީމަ، ހަމަ ރާވާލީ ކޮންމެވެސް ގޮތަކަށް އެކަން ފާހަގަކުރަންވެގެން. އެގޮތުން ކެއުން އިންތިޒާމްކުރީ.” ޝުކޫރީ ވިދާޅުވެއްޖެ އެވެ.

ކެއުން ބޭއްވި ހަފުލާގައި އަފީފުއްދީން ސްކޫލުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެސްކޫލަށް މަޑުއްވަރީ ސްކޫލުގެ ފަރާތުން ފިލައެއްވެސް ހަދިޔާކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355