ދިރާގުން ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އައުޓްޑޯ ޕްލޭގްރައުންޑެއް ގާއިމު ކޮށްދިނުމަށް ނިންމައިފި އެވެ.
މި ޕްލޭގްރައުންޑް ހުންނާނީ ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައިއެވެ. ޕްލޭގްރައުންޑް ގާއިމު ކޮށްދިނުމުގެ ގޮތުން ދިރާގު ގެ ފަރާތުން ޕްލޭގްރައުންޑް އިކުއިޕްމަންޓް ގެ ފުލް ސެޓްއަޕް ހަދިޔާ ކުރެވިގެންދާނެއެވެ.
މި ޕްލޭ ގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށާއި އަދި ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެކަމަށް ދިރާގުން ދެކެއެވެ.
މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާރލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކުލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.
ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ. ދިރާގު ގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.
އެގޮތުން ކެއަރ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރ ތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.