twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގެ މަސައްކަތް އޯގަސްޓްމަހަށް ނިންމާ،ހަވާލުކުރަނީ

Apr 6, 2018

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭ އެޅުމުގެ މަސައްކަތް އޯގަސްޓްމަހާ ހަމައަށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެމަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ( އެމްޓީސީސީ)އިން ދީފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް މިއަހަރު ހުޅުވައި، އޯގަސްޓްމަހު ބޯޓު ޖައްސާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ހުޝާމް މިއަދު ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ތާވަލުކުރެވިފައިވާގޮތަށް ކުރިއަށްދާކަމަށާއި މިއަހަރުގެ އޯގަސްޓްމަހާ ހަމައަށް ރަންވޭގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރަންވޭ ލައިން ކޮންޕެކްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ބައެއް ސަރަހައްދުތައް ކުޅި ދިމާވާތީ، އެސަރަހައްދުތަކުން ޗަކަ ނަގައި ވެލި އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެ އެެވެ. ހުޝާމް ވިދާޅުވީ ވެލިއަޅައި ކޮންޕެކްޓްކުރުމަށްފަހު ޓެސްޓްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. އެއަށްފަހު އޭގެ މައްޗަށް ހިލަ އަޅައި ކޮންޕެކްޓްކޮށް ތާރުއަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ އެޅުމަށް ބޭނުންވާ ތާރާ ބެހޭ ސާމާނު މޭ މަހު ކުޅުދުއްފުއްޓަށް ގެންނާނެ އެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ބަރާބަރަށް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ހުޝާމް ފާހަގަކުރެއްވި އެވެ.

” އޯގަސްޓްމަހާ ހަމައަށް ރަންވޭ ނިންމާ، ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކުރާނަން، އަޅުގަނޑުމެން ވަރަށް ގެރެންޓީ އެބައޮތް ކަނޑައެޅިފައިވާ ތާރިހަށް ނިންމާލެވޭނެކަމުގެ.” ހުޝާމް ވިދާޅުވި އެވެ.

އެސަރަހައްދުގެ ގޮނޑުދޮށް ހިއްކާފައިވާއިރު ބޮޑު ބައެއްގައި ވަނީ ރިވެޓްމަންޓް ޖަހާ ނިންމާލާފަ އެވެ.

” އަޅުގަނޑުމެންގެ މަސައްކަތްތަށް ދަތިވާނެތީ އެއްކޮށް ރިވެޓްމަންޓް ނިންމާނުލާ އެއޮތީ، އެއީ ބައެއް ފަހަރު އެބަޖެހޭ ބާޖްތައް އެސަރަހައްދަށް ކައިރިކޮށް ބައެއް މަސައްކަތްތައް ކުރަން.” ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީގޮތުގައި އެތަނުން ބައެއް ގޯތީގެ ކަންތަކަށް ރަންވޭއަށް އަރާ ކަމަށާއި އެތައް ބޭނުންވާނެކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރަކަށް ރަސްމީކޮށް އެތަނަކަށް “އެކްސެސް”ދީފައިނުވާކަމަށެވެ. ރަންވޭ އެއްކޮށް ދިގުކޮށް ދަމާލެވޭނީ އެކަމަށް ހުއްދަށް ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި  50.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިމަޝްރޫއު ހަވާލުކުރީ 160 ދުވަހުގެ ތެރޭގައި ނިމުމަށެވެ. ކުޅުދުއްފުށީގައި އަޅާ ރަންވޭގެ ބޮޑު މިނުގައި 1.2 ކިލޯ މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355