twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެލްޖީއޭގެ ބޯޑަށް ނުލިބޭ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންތައްތައް ހުއްޓުވާނަން: އިހަވަންދޫ ކައުންސިލްގެ ރައީސް

Apr 7, 2018

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ނުލިބޭ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތް ހުއްޓުވާ، ކައުންސިލްތަކުގެ ގާނޫނީ ބާރު ފުރިހަމަގޮތުގައި ކުރެވޭނެމަގު ހޯދާނެކަމަށް ހއ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ފަރާތްތަކުން އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެލްޖީއޭއިން މިހާރުވެސް ސަސްޕެންޑްކޮށްފައިވާ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލްތައް ސަސްޕެންޑްކުރަމުންގޮސް ގިނަ ކައުންސިލްތަކެއް މިހާރުވަނީ ސަސްޕެންޑްކޮށްފަ ނިންމާލާފައިވާ ކަމަށެވެ.

އެލްޖީއޭގެ ބޯޑުން ބާއްވާ ކޮންމެ ބައްދަލުވުމަކީ ކޮންމެވެސް ކައުންސިލެއް ސަސްޕެންޑްކުރުމަށް ބާއްވާ ބައްދަލުވުމެއް، އެނޫން ނިޔަތެއްގައި އެލްޖީއޭގެ ބޯޑަކަށް ބައްދަލުވުމެއް ނުބޭއްވޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީން އަންގަވައިގެން އެލްޖީއޭގެ ބޯޑުން ކައުންސިލްތައް ދަނީ ސަސްޕެންޑްކޮށް، ނިކަމެތިކުރަމުންކަމަށް އޭނާ ވިދާޅުވި އެެވެ.

“އެލްޖީއޭ ބޯޑަށް ނުލިބޭ ބާރެއް ބޭނުންކޮށްގެން އެކުރަމުންގެންދާ ކަންތައްތައް ހުއްޓުވާނަން. ހުއްޓުވާފަ ކައުންސިލަތަކަށް އެބޭފުޅުންގެ ގާނޫނީ ބާރު ފުރިހަމަ ގޮތުގައި ކުރެވޭނެ މަގު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހޯދާނަން.” އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑުކުރި މައްސަލަ ހައިކޯޓަށް ވައްދާފައިވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލަރުންނަކީ 24 ގަޑިއިރު މަސައްކަތްކުރާ ބައެއްކަމަށާއި ރައްޔިތުންނާ ގުޅުންހުރި މަސައްކަތުގައި ކެނޑިނޭޅި ކައުންސިލަރުން ދަނީ މަސައްކަތްކުރައްވަމުންކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލަރުންގެ މަސައްކަތް ހުއްޓުވާ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކުން މަހުރޫމްކުރާ ކުރުން، ހުރިހާ ކައުންސިލުތަކަކުންވެސް ތެދުވެ ފާޅުގައި މިވާހަކަދައްކައި އަޑުއުފުލަން ޖެހިފައިއޮތް ދަނޑިވަޅަކީ މިއީކަމުގައި މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ހއ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ މުހަންމަދު ރަޝީދު ވިދާޅުވީގޮތުގައި އިހަވަންދޫއާ ދޭތެރޭ ރައީސް ޔާމީންގެ ސަރުކާރުންވަނީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އެދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބުދުﷲ އަަކަށް މަޖިލީހަކަށް ނުވަދެވޭކަމަށާއި އަދި އެރަށުގެ ފަސް ކައުންސިލަރުންނަކަށްވެސް އޮފީހަކަށް ނުވަދެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި ނަރުދަމާގެ މަސައްކަތް ނިމިފައި އޮންތާ އެތަށް ދުވަހެއްވެފައިވާއިރު ހިދުމަތެއްދެވޭނެ ދުވަހެއް އަދިވެސް ނޭނގޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.

1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރުމަށް ގޮވާލައި ބަޔާން ނެރުނު ގިނަ ކައުންސިލަތަކެއް އެލްޖީއޭ އިން ވަނީ ސަސްޕެންޑްކޮށް، ކައުންސިލްތައް އުވާލާނެކަމުގެވެސް އިންޒާރުދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355