twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަފީފުއްދީން ސްކޫލު އަހަރީ ދުވަހާ ގުޅުވައިގެން ދުވުމެއް ބާއްވަނީ، ބިބް ވިއްކަން ފަށައިފި

Apr 9, 2018

ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުގެ 14 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދުވުމެއް ބާއްވަން ނިންމާ، މިއަދު ބިބް ވިއްކަން ފަށައިފި އެވެ.

މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މިދުވުމުން އޮންނަނީ މިމަހު 25 ވަނަ ދުވަހު ހަވީރު އެވެ. ދުވުން ފެށޭނީ ހަވީރު 4:30 ން އަފީފުއްދީން ސްކޫލު ކުރިމަތިންނެވެ. ތިން ކިލޯމީޓަރުގެ މިދުވުން އަފީފުއްދީން ސްކޫލުގެ ކުރިމަތިން ފެށިގެން ޖަލާލުއްދީން ސްކޫލާ ހަމައިން އަބުރާލުމަށްފަހު ދުވުން ނިންމުމަށް ހަމަޖެހިފައިވަނީ އިންޖީނުގެ އާ ހަމައަށެވެ.

ތިން އަގެއްގައި ބިބް ވިއްކަން މިއަދު ފަށާފައިވާއިރު އަފީފުއްދީން ސްކޫލުގެ ދަރިވަރުންނަށް ބިބް ވިއްކަމުންގެންދަނީ 25ރ އަށެވެ. އަދި އާންމުންނަށާއި އެސްކޫލުގެ ބެލެނިވެރިން އަދި މުވައްޒަފުންނަށް ބިބް ވިއްކަނީ 50ރ އަށެވެ. އަދި ބިބްގެ ހާއްސަ ނަމްބަރުތަކެއް ވިއްކުމަށް ހަމަޖެހިފައިވާއިރު އެ ނަމްބަރުތަކުގެ އަގު ފެށެނީ 200ރ އިންނެވެ.

ދުވުމުގައި ވަނަތައް ހޮވައި ބައިވެރިންނަށް މެޑަލް ދިނުމަށްވެސް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން އާންމުގެ ތެރެއިން ފުރަތަމަ ނިންމާ ފަސް ފިރިހެން ބައިވެރިންނަށާއި ފަސް އަންހެން ބައިވެރިންނަށް މެޑަލް ލިބިގެންދާނެ އެވެ. އަދި އަފީފުއްދީން ސްކޫލުގެ ދަރިވަރުންގެ ތެރެއިން ފުރަތަމަ ނިންމާ ދިހަ އަންހެން ދަރިވަރަކާއި ދިހަ ފިރިހެން ދަރިވަރަކަށް މެޑަލް ހަވާލުކުރެވޭނެ ކަމަށް އަފީފުއްދީނުން މައުލޫމާތުދެ އެެވެ.

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ، ވީހާވެސް ގިނަ ފަރާތްތަކުން ދުވުމުގައި ބައިވެރިވުމަކީ ސްކޫލުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ދުވުމުގައި ދުވެފަ ބައިވެރިނުވެވޭ ފަރާތްތަކުން ހިނގާލާފައިވެސް ބައިވެރިވުމަށް އޭނާ އެދިލެއްވި އެވެ.

އޭނާ ވިދާޅުވީ އަހަރީ ދުވަހާ ގުޅުވައިގެން އިތުރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަފީފުއްދީން ސްކޫލު ހުޅުވާފައިވަނީ 2004 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355