މި އަހަރު ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން އޮންނާނީ ހެނދުނު 9 ން މެންދުުރު ފަހު 3 ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނެފިއެވެ.
އެ މިނިސްޓްރީ އިއްޔެ ނެރުނު ސާކިއުލާއެއްގައި ވާގޮތުން ރޯދަމަހު ސްކޫލްތަކުގެ ހެނދުނު ދަންފަޅި ފެށޭނީ 8:40 އާއި 9:00 ދެމެދު ކަމަށާއި އަދި މެންދުރުފަހު ދަންފަޅި ފެށޭނީ 11:30 އާއި 13:00 ދެމެދުކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރޯދަ މަހު ކިޔަވައި ދިނުމުގެ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 3:00 ގެ ކުރިން އެ ދުވަހެއްގެ ސެޝަން ނިންމާ ގޮތަށެވެ.
ރޯދަމަހު ގްރޭޑް އެކަކުން ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައި ވަނީ ދެ ގަޑީއިރާއި 30 މިނެޓަށެވެ. އަށަކުން 10 އަކާ ދެމެދު ކިޔަވާ ދަރިވަރުންނަށް ތިން ގަޑިއިރު، އަދި ގްރޭޑް 11 އާއި 12 ގެ ދަރިވަރުންނަށް 4 ގަޑިއިރު އެވެ.
އަދި ޕްރީ ސްކޫލްގެ ކުދިންގެ ކިޔެވުން ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް ރޯދަ މަހު ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރޯދަ މަހަށް ރާވާއިރު، ވަގުތަށް ނަމާދު ކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުން އަދި މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދު، ސްކޫލުތަކުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި ހިންގާ ހަރަކާތްތައް ތަރާވީހް ނަމާދަށް ފުށުނާރާ ގޮތަށް ރާވާ ހިންގުމަށް އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.