މިދިޔަ އަހަރު ގްރޭޑް ދިހައެއް ނިންމާ ދަސްވާރު ނިންމާ އަފީފުއްދީން ސްކޫލުގެ 26 ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ އެވެ.
އަފީފުއްދީން ސްކޫލުގައި ރޭ މިކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ގުރެޖްއޭޝަން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ފާރިޝް އަބުދުލްޤައްޔޫމެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފާރިޝް ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް އެންމެ ކުޑައިރުން ފެށިގެންވެސް ކުރިއަށްދާނެ ވަކި ލަނޑުދަނޑިއެއް ކަނޑައެޅިފައި އޮންނަށްވާނެ ކަމަށާއި އަދި އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކާ ގަދަ އަޅައި ކޮންމެ ކުއްޖަކުވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް ފާރިޝް ވިދާޅުވި އެވެ.
އަފީފުއްދީންގެ ދަސްވާރު ދަރިވަރުންގެ ދަސްވެނިވުމުގެ ތެރެއިން–
މަސައްކަތްކުރަމުންދާއިރު އިސްލާމީ އުސޫލުތަކާއި އަހްލާގު އަދި މުޖުތަމައު ގަބޫލުކުރާ ހަމަތަކުގެ ތެރެއިން މަސައްކަތް ކުރުމުން، ކާމިޔާބު ދަރިވަރަކަށް ކޮންމެ ކުއްޖަކުވެސް ވާނެކަމަށް އޭނާ ވިދާޅުވި އެވެ. އެއް ފަހަރު އެކުރާކަމެއް ކާމިޔާބުނުވުމަކީ އެއީ ތިމާ ބޭނުންވާ މަންޒިލާހަމައަށް ދިއުމަށްޓަކާ އޮތް ހުރަހެއްކަމަށް ދެކިގެންނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ މިދިޔަ އަހަރު ދަސްވާރު ޕްރޮގުރާމްގައި ބައިވެރިވި 26 ދަރިވަރުން ކާމިޔާބުކަމާއެކު މިޕްރޮގުރާމް ނިންމާލުމަކީ ވަރަށް ބޮޑު ކަމަށެވެ. އަދިި އެތަށް ދާއިރާތަކަކުން މިއަދު ދަރިވަރުންތަކެއް ތަމްރީން ކުރެވިފައިވާތީ އެކަމުގެ ހިތްހަމަޖެހުންވެސް ނާސިހާ ވަނީ ފާޅުކުރައްވާފަ އެވެ.
” ވޭތުވެދިޔަ އަހަރު އަޅުގަނޑުމެން ވާނީ އިލެކްޓްރިޝަންނާއި ފާމަސިސްޓުންނާއި އައިޓީ ޓެކްނީޝަނުންނާއި ރީޓެއިލް ސާވިސްގައި މަސައްކަތްކުރާނެ ސެޓްފިކެޓް ލެވެލް 3 ގެ ލިބިފައިވާ ދަރިވަރުންތަކެއް އަޅުގަނޑުމެންވާނީ ނެރެފަ.” ނާސިހާ ވިދާޅުވި އެވެ.
އަފީފުއްދީންގެ ދަސްވާރު ދަރިވަރުންގެ ދަސްވެނިވުމުގެ ތެރެއިން–
ނާސިހާ ވިދާޅުވީ މިއަހަރު ދަސްވާރު ޕްރޮގުރާމް ފަށަނީ އިތުރު ޕްރޮގުރާމްތަކަކާއެކީ ކަމަށާއި އެގޮތުން ވޯޓަރ ސްޕޯޓްސް ވެސް ހިމެނޭނެކަމަށެވެ.
ދަސްވާރު ޕްރޮގުރާމް އަފީފުއްދީންގައި ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. ރޭ ގެ ރަސްމިއްޔާތުގައި ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުންވަނީ ބައިވެރިވެފަ އެވެ.