twitterviber whatsapp telegramfacebookyoutube instagram
28th May 2025

މަކުނުދޫގައި ސިލިޕްވޭއެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި !

Apr 11, 2018

ހދ މަކުނުދޫގައި ސިލިޕްވޭއެއް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތްކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހަންމަދު ޝާކިރު ކޭއޯއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެރަށުގައި ސިލިޕްވޭއެއް ހެދުމަށް ބޭނުންވާ ކޮންމެ ފަރާތްތަކަށްވެސް އެފުރުސަތު އެބައޮތް ކަމަށެވެ.

މަސްވެރިކަމަށް ބޭނުންކުރާ ބޮޑެތި އޮޑިފަހަރު މަކުނުދޫގައި ހުންނައިރު ސިލިޕްވޭއެއް ނެތުމުން އޮޑިވެރިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ރާއްޖޭގެ އުތުރުގައި ސިލިޕްވޭއެއް ނެތްކަން ފާހަގަކުރައްވަމުން ޝާކިރު ވިދާޅުވީ ސިލިޕްވޭއެއް ހެދުމަށް ގަސްތުކޮށްފައިވާ ސަރަހައްދު އެމްޓީސީސީގެ އެހީތެރިކަމާއެކު ސާފުކޮށް، އެސަރަހައްދުގެ މޫދުވެސް ފުންކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް ސިލިޕްވޭއެއް ހެދުމުގެ ތަނަވަސްކަން ކައުންސިލުގައި ނެތުމުން އެފުރުސަތު އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

އެގޮތުން އެސަރަހައްދުގެ ގޮނޑުދަށުން ފެށިގެން މޫދުން 350 ފޫޓްގެ ސަރަހައްދެއް ވަނީ ފުންކޮށްފަ އެވެ. މިހެން ވުމުގެ ސަބަބުން އެސަރަހައްދުގައި ސިލިޕްވޭއެއް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެއްތަށް ލުއިތަކެއް ލިބިގެންދާނެ އެވެ.

މަކުނުދޫން ސިލިޕްވޭ ހެދުމަށް ކައުންސިލުން ދޫކުރަން ނިންމާފައިވާ ސަރަހައްދަކީ އެފަދަކަމެއް ކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދުކަން ފާހަގަކުރެވެ އެވެ. ރަށުގެ ނެރުން ވަދެގެން އަންނަ މަގުގެ ވާތްފަރާތްގައި އެތަން އޮންނައިރު މުޅި އެސަރަހައްދު ވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކު ކައުންސިލުން ފުންކޮށްފަ އެވެ.

މަކުނުދޫގައި ސިލިޕްވޭއެއް ހެދުމަށް ދޫކުރަން ނިންމާފައިވާ ސަރަހައްދު، މިސަރަހައްދުގެ މޫދުން 350 ފޫޓްވަނީ ފުންކޮށްފަ–

ޝާކިރު ވިދާޅުވީ މަކުނުދޫގައި ސްލިޕްވޭއެއް ހެދުމުން އެކަން ކުރާ ބަޔަކަށްވެސް ބޮޑެތި ފައިދާތަކެއް ވާނެ އެވެ. ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވީ އުތުރުގައި ސިލިޕްވޭއެއް ނެތުމެވެ. އެރަށުގައި ސިލިޕްވޭ ހެދުމުގެ ކައިރި އެހެން ސަރަހައްދުތަކުންވެސް ބޯޓް ފަހަރު އަންނާނެ ކަމަށް ޝާކިރު ޔަގީން ކުރައްވަ އެވެ.

ޝާކިރު ވިދާޅުވީ ސިލިޕްވޭ ހެދުމަށްޓަކާ 70،000 އަކަފޫޓްގެ ސަރަހައްދެއް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލާއެކު ދެ ފަރާތް އެެއްބަސްވާގޮތަކަށް އެގްރިމެންޓެއްގެ ދަށުން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355