ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ބުނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ކަމަށެވެ.
އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ.
އަހަރީ އާންމު ޖަލްސާގަައި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހެޅުމާއި ފާސްކުރުމާއި، މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުމާއި، ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރުން އައްޔަން ކުރުމާއި، ހިއްސާގެ ގޮތުގައި ބެހުމަށް ނިންމާފައިވާ އަދަދު ފާސްކުރުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވަނީ މައުލޫމާތު ދީފަ އެވެ.
އެމްޓީސީސީއަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 115 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ މިދިޔަ އަހަރު ހިއްސާދާރުންނަށް ބަހާފައިވަނީ ހިއްސާއަކަށް 24 ރުފިޔާގެ ރޭޓުންނެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 145.3 މިލިއަން ރުފިޔާ އެވެ.