އިބްރާހިމް ހަމީދު
ކުޅުދުއްފުށްޓައް މިދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ މަސް ގަންނަން ލިބޭ އަގު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
މިހާރު އާދައިގެ ސައިޒުގެ ކަނޑުމަހެއްގެ އަގު އުޅުނީ 30ރ. އަށް ވުރެ މަތީގަ އެވެ. އެ ސައިޒުގެ މަހެއް ކުރިން އާންމު ގޮތެއްގައި 15ރ. އަށް ގަންނަން ލިބެ އެވެ. އާދައިގެ ސައިޒުގެ ލައްޓި އަދި ރާނގޮޑި އެއްގެ އަގު 20ރ. އަށް ވުރެ މައްޗަށް ޖެހިފައިވާއިރު، އެވަރުގެ މަހެއްގެ އަގު ކުރިން އުޅެނީ އެވްރެޖްކޮށް 05ރ. އަށެވެ.
ކަނޑުމަހުގެ އަގު ބޮޑުވެފައިވާއިރު ފަރުމަހުގެ އަގުތަށް ވެސް ވަނީ އުފުލިފައެވެ. އެގޮތުން ކުރިން 20ރ. 30ރ. އަށް ލިބޭ ފަރުމަހެއްގެ އަގު މިހާރު އުޅެނީ 50ރ. އާއި 70ރ. އާއި ދޭތެރޭގެ އަގެއްގައެވެ.
ކުޅުދުއްފުށީ ގައި މަސްވެރިކަންކުރާ “ހޯގޮޅާ ދޯނި”ގެ ކެޔޮޅު ޖައުފަރު މުހައްމަދު ބުނީ މިދުވަސްވަރު މަސްވެރިކަމާއި އެންވެރިކަން ވެސް ވަރަށް ދަށް ވެފައިވާ ކަމަށެވެ.
“މަސްވެރިކަން ވަރަށް ދަށް. މަސްބޭނުމަށް ބޭނުންކުރާ އެން ލިބުން ވެސް ވަރަށް ދަތި. ފިޝަރީޒް މިނިސްޓްރީ އިން އަޅާފައިވާ ބޮއިތަކުގައިވެސް މަހެއް ނޫޅެ.” ކުރިން ވާހަކަ ދެއްކި ކެޔޮޅު ބުންޏެވެ.
ޖައުފަރު ދެކޭގޮތުގައި މަސްވެރިކަން މިދުވަސްވަރު ދަށްވެފައިވަނީ ކަންނެލި މަސްވެރިކަން ކުރާ ބޮޑެތި ދޯނިފަހަރު ރޭގަނޑު ދިއްލައިގެން މަސްވެރިކަން ކުރަމުންދާތީ އެވެ.
ބައެއް ދޯނި ތަކުގެ ކެޔޮޅުން ބުނާ ގޮތުގައި މަހުގެ އަގު އުފުލެން ދިމާވަނީ މަސްވެރިކަން ދަށްވެ މަސް އައިނެއް ހޯދުމަށް ގިނަ ވަގުތު ދުއްވަން ޖެހުމެވެ.
“މަސްވެރިކަން އޮންނަ ސަރަހައްދުތަކަށް ދާން ހިނގާ ތެލުގެ ހަރަދު ބޮޑުވާނެ. ދެން މިތަނަށް އައިސް ވިއްކަން ޖެހޭ އަގު ވެސް ބޮޑުވެގެންދާނެ. އެހެންވެ ބަލަނީ ވީއެންމެ ކައިރިން އެއްޗެއް ބޭނޭތޯ،” އެހެން ދޯންޏެއްގައި މަސްވެރިކަން ކުރާ މަސްވެރިއެއް ބުންޏެވެ.
ކުޅުދުއްފުށީ ރަށުކައުންސިލް އިދާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ކުޅުދުއްފުށީގައި މަސްވެރިކަން ކުރުމަށް 20 އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާއިރު މަސް ޕްރޮސެސް ކުރުމަށް 05 އުޅަނދަކަށް ލައިސަންސް ދޫކުރެވިފައިވާ ވެއެވެ.