twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޓާޝަރީ ނުކުރެވި އެންމެ ފަހުން ތާށިވެފައި!

Jun 9, 2018

ކުޅުދުއްފުށީގެ 300 އެއްހާ ރައްޔިތުން އެއްވެ އަތް ޖަހަން ތިބި ޖަލްސާއެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ބޮޑު ވައުދެއްވެވަޑައިގަތެވެ. އެއީ 2013 ވަނަ އަހަރު އަފީފުއްދީން ސްކޫލްގައި ބޭއްވި ވަރަށް “ޕިންކް” ޖަލްސާއެކެވެ. އެތައް ގިނަ ރައްޔިތުން ހިދުމަތް ހޯދާ ހޮސްޕިޓަލް ޒަމާނީކޮށް ޓާޝަރީ ފެންވަރު ކުރާނެ ކަމުގެ ވައުދާއެކު ރައްޔިތުންގެ އަތްތިލަބަނޑި ބާރުވި އެވެ.

އެ ބާރު އަތްތިލަބަނޑިއަށްފަހު ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސުލް ޖުމްހޫރިއްޔާއަށް ވެސް ވެވަޑައިގެންނެވީ އެވެ.އެ މަގާމުގައި އެމަނިކުފާނު ހުންނަވާތާ 4 ވަނަ އަހަރު ވެސްވީ އެވެ. ފަަސްވަނަ އަހަރު ވެސް ނިމި ދައުރު ހަމަވަނީ އެވެ. އެ ބޮޑު ވައުދުވެވަޑައިގަތް ކުޅުދުއްފުށީ ހޮސްޕިޓަލަށް ލިބުނު ތަރައްގީއެއް، ބޮޑު މަޝްރޫއުއެއް ނެތެވެ. އެންމެ ދެރަވެގެން އާ ހިދުމަތެއް ވެސް އެ ހޮސްޕިޓަލަށް ނައެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން ރައީސް ޔާމީން އަނގަ ފޫހިފުޅު ފިލުވާލައި އުތުރުގެ ރައްޔިތުން މަސަލަސްކޮށްލަން ދައްކަވާ ވާހަކައެއް ކަން މިހާރު މިއޮތީ ރައްޔިތުންނަށް ކަށަވަރުވެފަ އެވެ. އަތްތިލަބަނޑީގެ ބާރުކަމާއެކު އެ ވާހަކައިގެ އެއްވެސް ބާރެއް ނެތްކަން މިހާރު ރައްޔިތުން ހިތާހިތުން ގަބޫލުކުރެ އެވެ. ހަނދާން ހުންނާނެ އެވެ. އެކަމަކު ހޮސްޕިޓަލާ ބެހޭގޮތުން އެމަނިކުފާނު އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ނިކަން ބަލާލަބަލާށެވެ.

“ރާއްޖޭގެ އުތުރުގައި ވެސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރާނަން،” މިއީ ރައީސް އަބުދުﷲ ޔާމީން 2017 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވަމުން އިއްވި ރިޔާސީ ބަޔާނުގެ ކުޑަ ތަންކޮޅެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު–

އެމަނިކުފާނު މިހެން ވިދާޅުވިތާ ވެސް މިހާރު އަހަރެއްވެގެން ދަނީ އެވެ. އިންޑިޔާގެ ނިމްސް އާއި ދިވެހިންގެ ބަޔަކާ ހިއްސާވާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި) ކިޔާ ކުންފުންޏަކާ ހޮސްޕިޓާ ތަރައްގީކުރަން ހަވާލުކޮށް، އެކަން ކާމިޔާބުނުވުމަކީ ސަރުކާރަށް އެ ވައުދުން ފިލޭނެ ފަރުދާއެއް ނޫނެވެ. އެ ކާމިޔާބުނުވުމާއި ދޭތެރޭ ޖެހުނު މައްސަލަތައްފަދަ ހާސަރު ބޮނޑިއަކީ ރައްޔިތު މީހާއަށް އެނގެން މުހިންމު ހާސަރެއް ވެސް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ހޮސްޕިޓާ ތަރައްގީވާށެވެ. ވޯޓް ދިނީ އެހެންވެ އެވެ.

އެންއައިއައިގެ އެއްބަސްވުން އުވާލުމުުގެ މަސައްކަތް ސަރުކާރުން ކުރާތާ ވެސް މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވަނީވެފަ އެވެ. ގޮސްފައިވާ ހިސާބެއް ހާމަކޮށްފައިނުވާއިރު ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމުގެ އެއްވެސް މަސައްކަތެއް ކުރާތަނެއް ވެސް ނުފެނެ އެވެ. އެއްބަސްވުމެއް އުވާލަން ވެސް އެހާ ދުވަސް ނަގާ، އަލުން ތަރައްގީކުރުމަށް އިތުރު މަސައްކަތެއް ނުކުރާކަމީ ސަރުކާރުގެ އިހްލާސްތެރިކަމާމެދު ރައްޔިތުން ސުވާލު އުފައްދާ ސަބަބެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޕްރޮޖެކްޓް ފެއިލްކޮށްލީ މިނިސްޓްރީ ތެރެއިން ތަ !?

ރައީސް ޔާމީންގެ ދައުރު ނިމެން ދެތިން މަހަށް މިއޮތީވެފަ އެވެ. ދެން ކިއްތަމެއް ބާރުލާފައި އުޅުނަސް ހޮސްޕިޓަލެއް ޓާޝަރީއެއް ނުކުރެވޭނެ އެވެ. އަނެއް ފަހަރު ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ރައްޔިތުން ގުނބޯ ހައްދަން ސަރުކާރުގެ ބޮޑުން އަތޮޅުތެރެއަށް ކުރައްވައި ދަތުރުފުޅުތައް ވަނީ އިތުރުވެފަ އެވެ. ރައްޔިތުން މިކަމަށް ހުށިޔާރުވެ ތިބެމާހެވެ. އަތްތިލަބަނޑި ޖަހާނީތޯ ޖަހާނީ ކިހާ ބާރަކަށްތޯ ނިންމާނީ ރައްޔިތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355