ވޯލްޑް ކަޕް 2018 ގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ވިދާލިއިރު މެސީ އަށް ހިތްދަތި ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރޮނާލްޑޯ ސްޕެއިން ކޮޅަށް ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު މެޗު ނިމިގެން ދިޔައީ 3-3 އިން އެއްވަރުވެގެންނެވެ. އާޖެންޓީނާ އިން އައިސްލެންޑާ ދެކޮޅަށް ކުޅުނުއިރު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި މެސީ ޖެހި ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ.
ގުރޫޕް އޭ ގެ ދެވަނަ މެޗަށް ބަލާއިރު ހޯސޭ ގިމެނޭޒް ފަހު ވަގުތު ޖަހައިދިން ލަނޑުން އުރުގުއޭއިން ވަނީ 1-0 އިން މިސުރު ބަލިކޮށްފަ އެވެ. މިސުރުގެ ތަރި މުހައްމަދު ސަލާހު މި މެޗުގައި ފެނިގެން ދިޔައީ ބެންޗުންނެވެ.
ސްޕެއިން އާއި ޕޯޗުގަލްގެ އިތުރުން ގުރޫޕް ބީ ގައި ހިމެނޭ މޮރޯކޯ އަދި އީރާން ބައްދަލުކުރި މެޗުގައިވެސް އިތުރު ވަގުތުގައި ލަނޑު ފެނިގެން ދިޔައިރު މިއީ މޮރޮކޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗު 1-0 އިން ނިމުނުއިރު މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި އީރާނުން މޮޅުވި ދެވަނަ މެޗެވެ.
ގުރޫޕް ސީ އަށް ބަލާއިރު ފުރާންސުން ވަނީ ހަނި ގޮތަކަށް އޮސްޓްރޭލިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ގުރިޒްމަން ލަނޑު ޖަހާފައިވަނިކޮށް އޮސްޓްރޭލިޔާގެ މައިކް ޖެދިނަކް ޕެނަލްޓީއަކުން މެޗު އެއްވަރު ކުރި ނަމަވެސް 81 ވަނަ މިނެޓްގައި އޮސްޓްރޭލިޔާ ކުޅުންތެރިއެއް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ޔޫސުފް ޕޮއުލްސެން ޖަހައިދިން ލަނޑުން ޑެންމާކުން ވަނީ ޕެރޫ 1-0 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ޕެރޫއަށް ލިބުނު ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ.
އާޖެންޓީނާ އަދި އައިސްލެންޑްގެ އިތުރުން ގުރޫޕް ޑީ ގައި ހިމެނޭ ކޮރޭޝިޔާ އަދި ނައިޖީރިއާ ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ކޮރޭޝިޔާއިންނެވެ.