ވޯލްޑްކަޕްގެ މެޗުތަކުގެ ފޯރީގައި ޖެހި ސްޓޭޑިއަމްތެރޭގައި ތިބޭ ސަޕޯޓަރުން ފޯރީގައި ދެން ކުރާ ކަމަކީ ކެއުމާއި ބުއިމެވެ. މެޗުނިމި ސަޕޯޓަރުން ސްޓޭޑިއަމް ދޫކޮށްދާއިރު އެތަން އޮންނަނީ ކުނި ގޮނޑަކަށްވެފަ އެވެ.
ނަމަވެސް އިއްޔެ ޖަޕާން އާއި ކޮލަމްބިޔާ ވާދަ ކުރި މެޗުގައި ޖަޕާންގެ ސަޕޯޓަރުންވަނީ އެހެން ސަޕޯޓަރުންނަށް ނަމޫނާ ދައްކާ ސްޓޭޑިއަމް ސާފުކޮށްދީފަ އެވެ.
އިއްޔެގެ މެޗަކީ ޖަޕާންގެ އޯޕަނިން މެޗެވެ. 2-1 ޖަޕާން މޮޅުވެ ފެށުން ރަނގަޅުކޮށްފައިވާއިރު ސަޕޯޓަރުންގެ ފަރާތުންވެސް ވަނީ ވަރަށް ފޯރިގަދަ ސަޕޯޓެއް ދައްކާފައެވެ.
މެޗުނިންމުމަށްފަހު ޖަޕާންގެ ސަޕޯޓަރުން އެމީހުންގެ ސީޓްތަކާއި ޖަޕާން ސަޕޯޓަރުން ތިބި ރޯތައް ސާފުކުރާ ވީޑިއޯއެއް އާންމުވެފައި ވާއިރު ގިނަ ބައެއްގެ ތައުރީޕުވެސް ވަނީ ލިބިފައެވެ. މި ވީޑިއޯއިން ބޮޑެތި ކޮތަޅުގެ ކުނި ނާގަތަން ފެނެއެވެ.
ބީބީސީ އަށް މައުލޫމާތު ދެމުން ޖަޕާންގެ ފުޓްބޯލް ޖާނަލިސްޓް ސްކޮޓް މެކިންޓަޔާ ބުނީ އެއީ ހަމައެކަނި ފުޓްބޯޅައާއި ގުޅުން ހުރި ކަމެއްނޫން ކަމަށާއި އެއީ ޖަޕާނުގެ ސަގާފަތުގެ ތެރޭގައިވެސް ހިމެނޭކަމެއް ކަމަށެވެ.
އެގޮތުން ސްކޫލްގައިވެސް ދަރިވަރުން ލައްވާ މެޗުތައް ނިމުމުން ދަނޑު ސާފުކުރުވާ ކަމަށާއި ތަންތަން ސާފުކޮށް ބެލެހެއްޓުމަކީ ޖަޕާނުން ވަރަށް ހާއްސަ ސަމާލުކަމެއް ދޭކަމެއް ކަމަށް ސްކޮޓް ބުންޏެވެ.
ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރަނިކޮށް ނަގާފައިވާ ވީޑިއޯ ޓްވިޓާގައި އާންމު ކުރި ލެސްލީ ބުނީ ޖަޕާނުގެ ސަޕޯޓަރުންނަކީ އެހެން މީހުންނަށް ވަރަށް ފުރިހަމަ މިސާލެއް ކަމަށެވެ.
ޖަޕާނުގެ ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރާ ވީޑީއޯ–
#Japanese fans clean up the area where they were seated after their #WorldCupRussia2018 encounter. What an example. How wonderful !! well done 👍🏾 #japan pic.twitter.com/F7QFs6q7XY
— Leslie Ann Boisselle (@trinilab) June 19, 2018
މީގެ އިތުރުން އިއްޔެ ސެނެގަލްއާއި ޕޮލެންޑް ބައްދަލު ކުރި މެޗަށްފަހު ސެނެގަލްގެ ސަޕޯޓަރުންވެސް ވަނީ މެޗަށްފަހު އެމީހުން ތިބި ސަރަހައްދު ސާފުކޮށްފަ އެވެ.