twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ދެއްކި އިގްތިސާދީ ޒޯން: ހަތަރު އަހަރުންވެސް ސުމެއް !

Jun 25, 2018

ރިޔާސީ ދައުރު ނިމެންދަނީ އެވެ. އާ ދައުރަކަށް ކުރިމަތިލާއިރު އުތުރުގެ އެންމެ ބޮޑު އާބާދީ އޮންނަ ކުޅުދުއްފުށީގެ ތަރައްގީއަށް މިސަރުކާރުން ހިންގުނީ ކޮން ޕްރޮޖެކްޓްތަކެއް ތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. ކުޅުދުއްފުށީ ގިނަ ބައެއްގެ ތާއީދުން ހޮވުނު ރައީސް ޔާމީންގެ ސަރުކާރަކީ ކުޅުދުއްފުއްޓަށް ގިނަ ވައުދުތަކެއްވި އެވެ.

ކުޅުދުއްފުށީގެ ގިނަ ބަޔަކު ރައީސް ޔާމީންގެ ކެމްޕޭން ދުވަސްވަރު ކުރެއްވި ބޮޑެތި ވައުދުތަކަށް ލެނބި ލޯމައްޗަށް ދައްކާލި ކުރެހުންތަކަށް ހެއްލި ވޯޓު ދެއްވީ ޔަގީނުންވެސް ރަށަށް ލިބޭނެ ކުރިއެރުމަށް ވިސްނާފަ އެވެ. އެހެންނަމަވެސް ސަރުކާރަށް  ހަތަރު އަހަރު ފާއިތުވެގެންދާ އިރު، އަދި އެކަން ވަނީ ފޫނެއްފަޔަކަށް ފެން ފުރުން ފަދަ ކަމަކަށެވެ.

އެންމެ ބޮޑަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް ދެއްކި އެއް މަންޒަރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުޅުދުއްފުށީ ހުޅަނގު ފަރާތުން ހިއްކި ބިމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި ޕްރޮޖެކްޓް ތަކުގެ މަސައްކަތުގެ ވާހަކަތަކާ އެތަން 2018 ވަނަ އަހަރު ނިމޭއިރު އޮންނާނެ ގޮތް ކަމަށްބުނެ ދެއްކި މޮޅު ފުލޯކް ވީޑިއޯތަކެވެ. އެންމެ ފަހުން އެކަންމިވީ ރައްޔިތުންގެ ލޯ މައްޗަށް ދެއްކި ދަޅައަކަށެވެ.

އެ ބިމުގައި ކޮންވެންޝަން ސެންޓަރުތަކާއި ފޮރިން އިންވެސްޓްމެންޓްތައް ގާއިމުކުރެވޭނެ ކަމަށާއި އެ ބިން ހާއްސަ އިގްތިސާދީ ޒޯންގެ ދަށުން ތަރައްގީ ކުރެވިގެންދާނެ ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުވެސް ވަނީ ވިދާޅުވެ ފައެވެ. އެެހެން ނަމަވެސް އެބޭފުޅާ މަގާމުން ގެއްލުނު ގޮތަށް ރައީސްގެ ވައުދުތައް ވެސް ވަޔަށް އަރައިގެން ދިޔައީ ކަން ނޭނގެ އެވެ.

އެ ސަރަހައްދުގައި ޕްރޮޖެކްޓެއް ހިންގުމަށް އެންމެ ގައު ކޮޅެއްވެސް ހިއްލާލެވިފައި ނުވާއިރު އަޅަންފަށާފައިވާ ރޯހައުސްތަކުގެ މަސައްކަތްވެސް އަދި އަދަށް ދާންދެން ވެސް ވަނީ ނިންމާލެވޭވަރު ނުވެފައެވެ.

2015 ވަނަ އަހަރުގެ އޮގަސްޓް މަހު ހައުންސިންގ މިނިސްޓްރީންވެސް ވަނީ 2016 ވަނަ އަހަރު ކުޅުދުއްފުށީ ހިއްކި ބިން ތަރައްގީ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެސަރަހައްދު ގިރަމުން ދާތީ އެކަން ހުއްޓުވުމަށް އެސަރަހައްދުގައި ބަނދަރެއް ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައި ވެއެވެ. މި ބަނދަރު ގާއިމް ކުރުމަށްޓަކައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީގެ) ހިލޭ އެހީ ވެސް ވަނީ ހަމަޖެހިފައި އެވެ.

އެހީގެ ކަންކަން ހަމަޖެހުނުއިރު އަމަލީ މަސައްކަތްކުރަން އަދި މިހާތަނަށް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވެއެވެ.

2010 ވަނަ އަހަރު ތެރޭގައި ކުޅުދުއްފުށީގައި ހިއްކި 28 ހެކްޓާރ މި ބިން ތަރައްގީ ކުރުމަށް ސަރުކާރުން ނިންމި ފަހުން މިހާރު މިވަނީ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮއްސައެވެ. އަދި ބިން ހިއްކިފަހުން މި ބިން ހިމާޔަތް ކުރުމަށް އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ ބިމުގެ ބޮޑުބައެއްވަނީ ގިރާފައެވެ.

ބަނދަރު ގާއިމް ކުރުމަށް އެސަރައްހައްދު ބަލައި ދިރާސާ ކުރުމަށް ހައުސިންގ މިނިސްޓްރީން ވެސް ބަޔަކު އައިކަމަށް ވެއެވެ.

2017 ވަނަ އަހަރު ކުޅުދުއްފުށީގައި ” އުދުހޭ ” ނަމުގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދައި އެންމެ ތަނަވަސް އަދި ބޮޑު ބަނދަރުގެ މަސައްކަތް 6 މަސް ތެރޭގައި ކުޅުދުއްފުށީގައި ހަދަން ފަށާނެ ކަމަށެވެ.

1100 ދިގު 500 ފުޅާ މި ބަނދަރުގެ މަސައްކަތް ކުރައްވަނީ ބޭރުގެ ހިލޭ އެހީ ހޯދައިގެން ކަމަށް ވެސް މުއިއްޒު މި ޖަލްސާގައި އަޑަށް ބާރުލާފަ ވިދާޅުވި އެވެ. އެއީވެސް ކުޅުދުއްފުށީ ރައްޔިތުންނާ މެދު ރައީސް ބަހައްޓަވާ ހާއްސަކަން އަންގައިދޭކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީގައި ހަދަން ހަމަޖެހިފައިވާ ބަނދަރަކީ އާދައިގެ ބަނދަރެއް ނޫން ކަމަށާއި ބަނދަރު ބޭރު ތޮށީގައިވެސް އޮޑި ދޯނި ފަހަރު އެޅޭގޮތަށް ވަރަށް ފުރިހަމައަށް ހަދައި ބަނދަރެއް ކަމަށެވެ. އަދި ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއްލެވިފައި ހުންނަ ވަރަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިގެންދާ ބަނދަރެއްކަން މިނިސްޓަރު ވިދާޅުވި އެވެ.

2017 ވަނަ އަހަރު ޖުލައި މަހު ބަނދަރާ ބެހޭގޮތުން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ހައުންސިންގ މިނިސްޓްރީގެ ބޭކަނބަލެއްކަމަށްވާ ޝާނާ ފާރޫޤް ވިދާޅުވީ އެންމެ ލަސްވެގެން އަންނަ 2018 ވަނަ އަހަރުގެ ފެބްރުއަރީމަހު ކޮންސްޓްރަކްޝަން މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެމަސައްކަތް ނިންމާލުމަށް 18 މަސް ހޭދަވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހޯލް ތޮރުފުމުގެ މަސައްކަތް އޯގަސްޓްމަހު ފެށިގެންދާނެ ކަމަށާއި ބޯހޯލް ތޮރުފަން ހަމަޖެހިފައިވާ 10 ސަރަހައްދުވެސް ކަނޑައަޅައިފައިވާ ކަމަށެވެ. ނަމަވެސް އެބުނި އޯގަސްޓް މަހަށް އަހަރެއް ވާން ކައިރިވެފާ ވާއިރު އަދި ހަމަ އެކަމުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުތެރޭގައި ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ކުޅުދުއްފުށީ ސަރަހައްދުގައި އިތުރު ވިޔަފާރީގެ ފުރުސަތުތައް ތަނަވަސްވެ، އެ ސަރަހައްދުގެ މީހުންގެ ދަތުރުފަތުރަށް ފަސޭހަވެގެންދާނެ ކަމަށް އޭޑީބީން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ވަޒީފާތައް އިތުރުވެ އެ ސަރަހައްދު ތަރައްގީ އާއި އެހެން ވެސް ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުވެގެންދާނެ ކަމަށްވެސް އޭޑީބީން ބުނެފައިވެއެވެ. ނަމަވެސް ރައީސް ޔާމީން ކުޅުދުއްފުށީ ރައްޔިތުންނަށް ދެއްކި އިގްތިސާދީ ޒޯން ފަސް އަހަރުވެގެންދާއިރު ވަނީ އެއްވެސް ކަމެއް ނުކުރެވި އެވެ. މި އިގްތިސާދީ ޒޯންނަށް ރައްޔިތުންދޭނީ ސުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355