twitterviber whatsapp telegramfacebookyoutube instagram
24th April 2024

އިއުލާން ނުކޮށް ހދ އެފްސީއެސްސީއަށް މުވައްޒަފަކު ނެގި މައްސަލައެއް ފެންމަތިވެއްޖެ !

Jun 25, 2018

ކުޅުދުއްފުށީގައި ހުންނަ ހދ. ފެލެމީ އެންޑް ޗިލްރަން ސާރވިސް ސެންޓަރަށް އިއުލާން ނުކޮށް މުވައްޒަފަކު ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ ސެންޓަރަށް އިއުލާން ކުރުމަކާއި ނުލައި ނަގާފައިވަނީ ޑޭ ކެއަރ ވޯކަރ އެކެވެ. އިތުބާރު ހުރި ފަރާތްތަކުން މައުލޫމާތުދޭގޮތުގައި އެ މުވައްޒަފު ނަގާފައިވަނީ މިއަހަރުގެ މާރޗުމަހު އެވެ. ތިން މަހުގެ ކޮންޓްރެކްޓަށް ނަގާފައިވާއިރު އޭނާގެ ކޮންޓްރެކްޓް މި ޖޫންމަހު ވަނީ އަލުން އަނެއްކާވެސް ތިން މަހަށް އާކޮށްދީފަ އެވެ. އެކުއްޖާ ޝިޕްޓްކޮށް ކޮންމެ ދުވަހަކުވެސް ދަނީ ޑިއުޓީއަށް ނިކުންނަމުންނެވެ.

ތިން މަހަށް އަލުން ކޮންޓްރެކްޓް އާކޮށްދިން އިރުވެސް އަލުން އިއުލާންކުރުމަކާއި ނުލަ އެވެ. މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބުރާހިމް މުހައްމަދު ވިދާޅުވީ އެމަގާމަށް އެމުވައްޒަފު ނަގާފައިވަނީ ސިވިލް ސާރވިސްގެ ގަވައިދުގެ ހާއްސަ ހާލަތު ދަށުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހދ އެފްސީއެސްސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދާއިމީ އެއްވެސް މުވައްޒަފަކު އިއުލާންނުކޮށް ނަގާފައިނުވާނެ ކަމަށެވެ.

އިއުލާން ކުރުމަކާއި ނުލައި ވަޒީފާތަކަށް ނެގުމަކީ ވަޒިފާއާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން މަނާ ކަމެކެވެ. ނަމަވެސް ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތެއް މެދުކެނޑުނަނުދީ ދިނުމުގެ ގޮތުން ހާއްސަ ހާލަތުގެ ދަށުން އިއުލާން ކުރުމަކާއި ނުލައި އެދާއިރާއަކުން ގާބިލު މީހަކަށް ވަގުތީގޮތުން ވަޒީފާ ދެވިދާނެ އެވެ. ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތަަކަށް ބަލާއިރު ސިވިލް ސާރވިސްގެ ދާއިމީ މަގާމުތަކާއި ދިވެހި ސިވިލް ސާރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތީ މަގާމުތަކަށް މީހުން ހޯދުމަށް އާންމުކޮށް އިއުލާނުކުރަން ވާނެ ކަމަށްވެ އެވެ.

ހދ އެފްސީއެސްސީއަށް ޑޭ ކެއަރ ވޯކަރ އެއް ނަގާފައިވަނީ ސިވިލް ސާރވިސްގެ ހާއްސަ ހާލަތުގެ ދަށުން ކަމަށް ޖެންޑާއިން ބުނާއިރު ސިވިލް ސާރވިސްގެ އިސް ބައެއް އޮފިޝަލުން އެކަމާ ދެކޮޅު ހަދަ އެވެ. އަދި އެވަޒިފާ ހަމަޖެއްސި ގޮތާއިމެދު އެބޭފުޅުން ވަނީ ސުވާލު އުއްފަދާފަ އެވެ.

މިކަމާ ގުޅިގެން ވާހަކަދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން އިިއުލާން ކުރުމަކާއި ނުލައި ވަގުތީގޮތުން ވަޒީފާ ހަމަޖެއްސޭނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޮފިޝަލް ދެއްކެވީ ރަށެއްގެ އިމާމެއް ޗުއްޓީ ނެގުމުގެ އެމުއްދަތުގައި އިމާމުކަން ކޮށްދޭނެ ފަރާތެއް އިއުލާން ކުރުމެއް ނެތި ނެގިދާނެ ކަމަށެވެ. އެކަންވެސް ހަމަޖައްސާނީ އެކަމަށް އެދިފައި ތިބޭ ބޭފުޅުންގެ ތެރެއިން ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

” ނަމަވެސް އާންމު އޮފީސްތަކެއްގައި މަގާމަކަށް ނަގަންޔާމުން އިއުލާންކޮށްގެން ނަގަން ޖެހޭނީ. އެކަމަކު މިދެންނެވި ކަހަލަ ހައްސާސީ ކަންތައްތަކުގައި އެބަހުރޭ އުސޫލުތަކެއް ހަމަޖެހިފައި، އެގޮތުން ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން ވަޒީފާއަށް ނެގޭނެ އެފަދަ ހާލަަތްތަކުގަ.” އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖެންޑާގައިވެސް އެފަދަ ހާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވާތީ އެކަން އެގޮތަށް ހަމަޖެއްސީކަމަށް ގަބޫލުކުރެވޭ ކަމަށާއި އަދި ސިވިލް ސާރވިސްގެ ގަވައިދުގަ އެފުރުސަތު ވޭޖް އެމްޕުލޮއިމެންޓްގެ ދަށުން ސަރުކާރުގެ އޮފީސްތަކަށް ދީފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ދެވަނަ ފަހަރަށް އެގްރިމެންޓްއާ ކުރާއިރު އިއުލާންކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކިލައްވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް ސާރވިސްގެ ގިނަ މުވައްޒަފުންތަކަކަށް ޓްރެއިނިންގ ދެއްވާ އެހެން އޮފިޝަލަކު ވިދާޅުވީ ސިވިލް ސާރވިސްގެ ދާއިމީ މަގާމަކަށް ވިޔަސް ވަގުތީ މަގާމަކަށް ވިޔަސް އިއުލާންކުރަން ޖެހޭނެ ކަމަށެވެ. އިއުލާން ނުކޮށް ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން މީހުން ނެގޭނެ ކަމަށާއި ނަމަވެސް އެކަމަށްވެސް އުސޫލުތަކެއް ހުންނަ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން ވޭޖަށް މީހުން ހޯދާއިރު އެކަމަށް ގެންނަން ޖެހޭނީ އެކަމެއް ޓެކްނިކަލް މީހުން ކަމަށެވެ.

ނަމަވެސް ޑޭ ކެއަރ ވޯކަރ އަކީ އެންމެންނަށް ކުރަން އެނގޭ، މަސައްކަތެއް ކަމުން އެފަދަ ވަޒީފާތަކަށް ވަގުތީގޮތުން ވިޔަސް މީހުން ނަގަން ޖެހޭނީ އިއުލާންކޮށްގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

” ހދ އެފްސީއެސްސީއަށް ނެގި ޑޭ ކެއަރ ވޯކަރ، ވޭޖް އެމްޕްލޮއިމެންޓަށް ނުދާނެ. އެކަމަކީ އާންމު ކޮންމެ މީހަކަށްވެސް ކުރެވޭނެ މަސައްކަތެއް، އެންމެންނަށްވެސް ފުރުސަތު އޮތް ކަމެއް އެހެން ނޫން ތޯ. އެހެންވީމަ ވޭޖަކަށް ނުނެގޭނެ.” ސިވިސް ސާރވިސްގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ އެއޮފިޝަލް ވިދާޅުވި އެވެ.

ކޮންޓްރެކްޓެއް އާ ކުރެވޭނެ އެކޭ ސީދާ ގަވައިދުގައި ބުނެފައިނުވާ ކަމަށާއި އުސޫލެއްގެ ގޮތުން ކޮންޓްރެކްޓް އާ ކުރާއިރު އިއުލާން ކުރަން ޖެހޭނެ ކަމަށް ތަޖުރިބާކާރު އެ އޮފިޝަލް ވިދާޅުވި އެވެ.

މިމައްސަލަ ފެންމަތިވެ ގިނަ ބަޔަކު ރަށުތެރޭގައި މިވާހަކަދައްކަމުންދާއިރު ވަޒީފާއަށް ނެގި އެކުއްޖާއަކީ ސަރުކާރު ހިނގައި ޕީޕީއެމްގެ ބާރު އޮންނަ އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމަށްވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355