މި އަހަރު ޒަކާތު ފަަންޑުގެ ހިލޭ އެހީގެ ދަށުން ބޯން މެރޯ ޓްރާންސްޕާލާންޓް ހަދަން ފުރުސަތު ދިން ކުދިންގެ ތެރެއިން މާދަމާ ފަރުވާއަށް ފުރާ ކުދިންނާ އެކުދިންގެ އާއިލާތަކާ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާޙީމް ބައްދަލުކުރައްވައިފިއެވެ.
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މި އަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން 32 ކުއްޖަކަށް ސަރުކާރުން ފުރުސަތު ދީފައިވެއެވެ.
ބޯން މެރޯ ހަދަން ފޮނުވާ ކުދިންގެ އާއިލާތަކާ ބައްދަލުކުރައްވާ ހެލްތް މިނިސްޓަރ ދެއްކެވި ވާހަކާ ގައި، ސަރުކާރުން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ފަރުވާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
އަދި ރައީސް ޔާމީންގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 25 ކުއްޖަކަށް ބޯން މެރޯ ހަދައިދިނުމުގެ ވައުދު ކާމިޔާބުކުރެވިފައިވާ ކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ އެކުދިންގެ ބޭސްފަރުވާގެ މަރުހަލާގައި ޑޮކްޓަރުން ދެއްވާ އިރުސާދާ އެއްގޮތަށް އަމަލުކުރެއްވުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ބޯން މެރޯ ހަދަން ފޮނުވާ ފަސް ކުދިން ކަނޑައެޅީ އެކުދިންގެ ސިއްހީ ހާލަތަށް ބެލުމަށްފަހު ކަމަށާއި މި ކުދިން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ބެންގަލޫރްގެ މަނިޕާލް ހޮސްޕިޓަލްގައި ކަމަށް ހެލްތް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މި އިން ކޮންމެ ކުއްޖަކަށް ނުވަ ލައްކައާއި އެއް މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖައްސާފައިވެއެވެ. މީގެތެރޭގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހަރަދާއި، 4 މީހެއްގެ ދެކޮޅު ޓިކެޓާއި، އެމީހުންގެ ތިން މަސް ދުވަހުގެ ހުރުމުގެ ޚަރަދު ހިމެނެއެވެ.
އަދި އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ބޭނުން ވާނަމަ އެ ޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯން މެރޯ ހެދުމަށް ފުރުޞަތު ދީފައިވެއެވެ. އަދި 2015 ވަނަ އަހަރު 24 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ފުރުޞަތު ދީފައިވެއެވެ. ޒަކާތު ފަންޑުން 2015 އަދި 2016 ވަނަ އަހަރު ބޯން މެރޯ ހެދުމަށް 19.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.