އިބްރާހިމް ހަމީދު
ރާއްޖެއަށް ގެންނަންއުޅޭ ތަރައްޤީ ހާސިލުކުރެވޭނީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކަމަށް ހދ.އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ގެންނަންއުޅޭ ތަރައްޤީ ގެނެވޭނީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކަމަށް އާދަމް ވަހީދު ވިދާޅުވީ ގުލޯ ޓްއާރސް އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވުމުގެ ގޮތުން ބުދަ ދުވަހު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
އާދަމް ވަހީދުގެ ވާހަކައިގައި ރާއްޖޭގެ އުތުރު ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމް އެންމެ އެދެވޭ ގޮތެއްގައި ނުހިނގާ ދަނޑިވަޅެއްގައި ކުޅުދުއްފުށީގައި އަމިއްލަ ފަރާތަކުން މިފަދަ ގޮތްޕެއް ގާއިމުކޮށް ދަތުރުފަތުރުގެ ނިޒާމްގެ ހިދުމަތް ފައްޓަވާތީ އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ފަރާތްތަކުން ރައްޔިތުންނަށް ފައިދާހުރި ހިދުމަތްތަކެއް ތައާރަފު ކުރައްވަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށާއި އެފަދަ ފަރާތް ތަކަށް ހދ. އަތޮޅު ކައުންސިލުން ވެދެއްވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ގްލޯ ޓްއާރސް އިން އެންމެ ފުރަތަމަ ދަތުރުފަތުރުގެ ހިދުމަތް ދޭން ފަށާނީ ކުޅުދުއްފުށި، ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ކުމުންދޫ އަށެވެ.
މި ހިދުމަތް ދޭން ފެއްޓުމުން ހދ އަތޮޅުގެ ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ކުޅުދުއްފުށީގެ ރައްޔިތުންނަށް އިގްތިޞާދީގޮތުން ފައިދާތަކެއް ލިބިގެންދާނެކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ގްލޯ ޓްއާރސްގެ ފަރާތުން ކުޅުދުއްފުށީގައި މަސައްކަތް ފެށްޓެވީ އުތުރުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްޤާދިރު އަހްމަދު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ ރައްޔިތުންނަށް އެކުންފުނީގެ ފަރާތުން ދޭ ހިދުމަތަކީ އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތައާރަފު ކުރެވިފައި ނުވާ މިންގަޑަކަށް ދެމުންގެންދާނެ ހިދުމަތެއްކަމަށް ގާދިރު ވިދާޅުވިއެވެ.
ގްލޯ ޓްއާރސް އިން ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށްޓަކައި ކައުންސިލް ތަކުންނާއި ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ ރައްޔިތުންގެ ކިބައިން އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ހިދުމަތުގެ އަގުތަށް ކަނޑައެޅުމުގައި ރައްޔިތުންނާއި ކައުންސިލްތަކުގެ އިތުރުން އައިލެންޑް އޭވިއޭޝަނާއިއެކު މަޝްވަރާ ކުރަމުންދާކަމަށާއި އަގުތައް ކަނޑައެޅުނުހާ އަވަހަކަށް އެ އަގުތަށް އާންމު ކުރާނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
ގްލޯ ޓްއާރސްގެ ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އޮފީސް ހިންގަމުންދަނީ ކުޅުދުއްފުށީ ފިނިވައިޖެހޭގޭގަ އެވެ.