twitterviber whatsapp telegramfacebookyoutube instagram
30th May 2025

އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ ފަށައިފި

Jul 14, 2018

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ކުރިއަށްގެންދާ 3 ވަނަ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެމެރިކާގެ އިންޓަރނޭސަނަލް އިންސްޓްޓިއުޓް އޮފް އިސްލާމިކް ތޯޓް އައި.އައި.އައި.ޓީ ގުޅިގެން ކުރިއަށްގެންދާ މި މިހާސިންތާގެ ސިއަރަކީ “ރޯލް އޮފް އިސްލާމިކް ތޯޓް، ކަލްޗަރ، އެންޑް ސިވިލައިޒޭސަން އިން ބިލްޑިންގް ޕީސް ،ހާމަނީ އެންޑް ޓޮލަރެންސް އިން ސައުތު އޭޝިއާ” އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދިރާސާ މަހާސިންތާ އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދު ވިދާޅުވީ ދިވެހިރާއްޖެ ޑިމޮކްރަސީއާއި ޒަމާނީ ޓެކްނޮލޮޖީއަށް ލޯ ހުޅުވިގެންދާ މިދަނޑިވަޅުގައި މިފަދަ ކޮންފަރެންސެއްގައި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމާގުޅޭގޮތުން މަސްވަރާކުރުން މުހިންމުކަމަށެވެ.

އެކަކު އަނެކަކަށް ތަހައްމަލު ނުކުރުމުގެ ސިފަ ނުވަތަ “ލެކް އޮފް ޓޯލަރެންސް” އަކީ އިސްލާމީ އުންމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. އަދި ވަރުގަދަ އިސްލާމީ އުންމަތެއް ބިނާ ކުރުމަށްޓަކައި ހުރިހާ މުސްލިމުން އެއް އުންމަތެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އިސްލާމްދީން ކުރިއެރުވައި، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރައްވާ މަސައްކަތްފުޅު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައި.ޔޫ.އެމްގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ޤާއިމުވެފައި އޮތުމުގައި މުސްލިމުން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. އަދި މިހާރަށްވުރެ ބަދަހި އިސްލާމީ ހަސަރަތެއް ޤާއިމުކުރުމަށްޓަކައި އެކަކު އަނެކަކަށް ތަހައްމަލުކުރުމުގެ ސިފަ އަށަގަންނުވަންޖެހޭކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

“ރޯލް އޮފް އިސްލާމިކް ތޯޓް، ކަލްޗަރ، އެންޑް ސިވިލައިޒޭޝްން އިން ބިލްޑިންގް ޕީސް، ހާމަނީ އެންޑް ޓޮލަރެންސް އިން ސައުތު އޭޝިއާ” މިޝިއާރުގެ ދަށުން ކުރިއަށްދާ މިމަހާސިންތާގައި 43 ދިރާސާ ކަރުދާސް ހުށަހަޅާނެކަމަށް އިސްލާމިކް އުނިވަރސިޓީން ބުނެއެވެ. މީގެތެރޭގައި މި ކޮންފަރެންސްގައި ބައިވެރިވާ ބޭރުގެ އެކި ޤައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 37 ކަރުދާހަކާއި ރާއްޖޭގެ 6 ބޭފުޅަކު ހުށަހަޅުއްވާ ކަރުދާސް ހިމެނެއެވެ. މި މަހާސިންތާގައި 12 ޤައުމެއްގެ އިލްމީ ބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355