twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕީޕީއެމް ނޮޅިވަރަމްގެ އިސް ފަރާތްތަކަށް ވަޒީފާ ދޭނެކަމަށް ބުނެ ރައީސް އޮފީހުން “ލަނޑެއް” ދީފި !

Jul 16, 2018

ހދ ނޮޅިވަރަމް، ޕީޕީއެމްގެ އިސް ފަރާތްތަކަށް ވަޒީފާ ހަމަޖެހިފައިވާކަމަށް ބުނެ، އެއްބަސްވުމުގައި ސޮއިކުރަން މާލެ ދިއުމުން ވަޒީފާ ދެވެން ނެތް ކަމަށް އަންގައިފި އެވެ.

ނޮޅިވަރަމްގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ހަބީބާއަށް، އެރަށު ސިއްހީ މަރުކަޒުން ސިޔާސީ މަގާމެއް ހަމަޖެހިފައިވާކަމަށް އޭނާއަށް ރައީސް އޮފީހުން އެންގީ މިދިޔަ ހޮނިހިރުދުވަހު އެެވެ.

މަރިޔަމް ހަބީބާއަކީ މީގެ ކުރިން ނޮޅިވަރަމްގެ ކައުންސިލަރުކަންވެސް ކުރައްވާފައިވާ އަދި އެރަށުގައި ޕީޕީއެމްގެ ފިކުރު ކުރިއަރުވަން އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކެކެވެ. މީގެ ކުރިން އޭނާ ހުންނެވީ ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި އެވެ. އެމަގާމުން އޭނާ ވަކިކުރީ މިއަހަރުގެ މެއިމަހުގެ ތެރޭގައި އެވެ.

އެކަން ރަނގަޅަށް އެނގޭ މީހަކު މިއަދު ކޭއޯއަށް މައުލޫމާތުދެމުން ބުނީ މަރިޔަމް ހަބީބާއަށް އަލުން އެމަގާމު ދެއްވަން ސަރުކާރުން ބޭނުންވެގެން މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުން އޭނާއަށް ގުޅައި އެކަން ހަމަޖެހިފައިވާކަމަށް ބުނި ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަން މާލެ އައުމަށްވެސް އެނގިކަމަށް އެމީހާ ބުންޏެވެ.

ރައީސް އޮފީހުގެ އެންގުމުގެ މަތިން އަމިއްލަ ހަރަދުގައި އިއްޔެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަން މަރިޔަމް މާލެ ދިޔުމުން “ރަށުގެ ހާލަތު އޮތް ގޮތުން އަދި ވަޒީފާ ދެވެން ނެތްކަމަށް” އޭނާއަށް އެނގިކަމަށް އެމީހާ ބުންޏެވެ. އެކަން އެންގީ ރައީސް އޮފީހުގެ މިނިސްޓަރަކު ކަމަށްވެސް ކޭއޯއާ އެވާހަކަ ހިއްސާކުރި މީހާ ބުންޏެވެ.

އަދި ފަހުން ކަންކަން ހަމަޔަކަށް އެޅުމުން ރަނގަޅު ވަޒީފާއެއް ދޭނެކަމަށް ބުނިކަމަށްވެސް އެމީހާ ބުންޏެވެ. މިނިސްޓަރަށް ރައްދުދެއްވުމުގެ ގޮތުން ދެން އިތުރު ވަޒީފާއެއް ބޭނުންނޫން ކަމަށް މަރިޔަމް ބުނިކަމަށް އެމީހާ މައުލޫމާތުދިނެވެ. މިހާރު މަރިޔަމް ހުންނެވީ އެބުރި ނޮޅިވަރަމްގަ އެވެ.

މިމައްސަލާގައި މަރިޔަމް ހަބީބާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އެރަށުގެ ގިނަ ބަޔަކު މިކަމާ ހިތްހަމަނުޖެހިފައިވާއިރު ހއ، ހދ އަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ހއ، ހދ އަށް ކުރައްވާ ދަތުރުފުޅުގައި ނޮޅިވަރަމްއަށް ވަނީ ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355