twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކޮޅުވެއްޓި ފަދަ މުދާ އުފުލާ ދަގަނޑު އުޅަނދު ފަހަރު ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ވަނުން މަނާކުރަނީ

Jul 17, 2018

ކޮޅުވެއްޓި އާއި މުދާ އުފުލާ ބޮޑެތި ދަގަނޑު އުޅަނދު ފަހަރު ކުޅުދުއްފުށީ ލޯކަލް ބަނދަރަށްވަމުން މަނާ ކުރުމަށް ތައްޔާރުވަމުންދާކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

އެފަދަ އުޅަނދު ފަހަރު ބަނދަރަށް ވަނުން މަނާކުރުމަށް ނިންމީ އެ އުޅަނދުތަކުން ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެވެ. އެގޮތުން އެ އުޅަނދުތައް ބަނދަރުގައި އަޅާފައި އޮންނައިރު ތޮށިގަނޑުގައި ޖެހި ބައެއް ފަހަރު ތޮށިގަނޑުން ތަންތަން ގަނޑު ނެއްޓުން ފަދަ ހާދިސާތައް ހިނގައިފައި އެބަ ހުއްޓެވެ.

އަދި މީގެ އިތުރުން އެފަދަ އުޅަނދުފަހަރު ގެންނަ ބައެއް ހެވީ ވެހިކަލްތައް ބަނދަރަށް ބާލާއިރު އެތަނުގައި އަޅާފައިވާ ޕޭވްމެންޓާއި ޖަހާފައިވާ ހޮޅިދަނޑިތަކަށްވެސް ބައެއް ފަހަރު ދަނީ ގެއްލުންވަމުންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން މިއަދު ވިދާޅުވީ ކޮޅުވެއްޓި ފަދަ ދަގަނޑު އުޅަނދު ފަހަރުތަކުގެ ސަބަބުން ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އަދި އެފަދަ އުޅަނދުފަހަރުގެ ސަބަބުން ބަނދަރު ބޭނުންކުރާ އެހެން ފަރާތްތަކަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެހެންވެ އެކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށާއި އެކަމަށް އޮތް ހައްލަކީ އެފަދަ އުޅަނދު ފަހަރު ބަނދަރަށް ވަނުން މަނާކުރުންކަމަށް އޭނާ ވިދާޅުވި އެވެ. މިހަފްތާތެރޭގައި ކޮޅުވެއްޓި ފަދަ އުޅަނދުތައް ލޯކަލް ބަނދަރަށްވަނުން މަނާކުރުމަށް ކައުންސިލުން ފާސްކުރާނެކަމަށް ލަތީފް ވިދާޅުވި އެވެ.

އަބުދުލްލަތީފް ވިދާޅުވީ އެކަން ތަންފީޒުކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވާކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލުން ހަދާ އަދި ހަދާފައިވާ ގަވައިދުތައް ތަންފީޒުކުރުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރުކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮޅުވެއްޓި ފަދަ މުދާ އުފުލާ ދަނގަނޑު އުޅަނދު ފަހަރު ލޯކަލް ބަނދަރު ބޭނުންކުރުން މަނާކުރާ ހިސާބުން އެފަދަ އުޅަނދު ފަހަރު ދެން ބޭނުންކުރާނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު(ވިޔަފާރި ބަނދަރު) ކަމަށެވެ. އެތަނުގައި އެފަދަ އުޅަނދު ފަހަރަށް ހާއްސަ ވަގުތީ ރޭމްޕެއްވެސް މިހާރުވަނީ ހަދާފަ އެވެ.

ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އަންނަ އެފަދަ އުޅަނދު ފަހަރުތައް ސަރަހައްދީ ބަނދަރު ބޭނުންކުރުމަށް ފަސޭހަކުރުމުގެ ގޮތުން ކައުންސިލުން މިހާރު ވަނީ ސަރަހައްދީ ބަނދަރުގެ ވެރިންނާ ބައްދަލުކުރައްވައި އެކަން އެބޭފުޅުންނާ ހިއްސާކުރައްވާފަ އެވެ. ލަތީފް ވިދާޅުވީ ސަރަހައްދީ ބަނދަރުގެ ވެރިންގެ ފަރާތުން އެކަމަށް ވަރަށް އެއްބާރުލުން ލިބިގެންދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ އުޅަނދު ފަހަރުތަކަށް ސަރަހައްދީ ބަނދަރުގައި އިންނަ އުސޫލުތަކުގެ ތެރެއިން ފަސޭހައިން ހިދުމަތް ލިބިގެންދާނެކަމަށް ލަތީފް ވިދާޅުވި އެވެ.

އޮޑިދޯނި ފަހަރު ގިނަވުމުގެ ސަބަބުން ކުޅުދުއްފުށީގެ ލޯކަލް ބަނދަރު ބޭނުންކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި އެކަން ހައްލުކުރުމުގެ ގޮތުން އިތުރު ބަނދަރެއް ހަދާނެކަމަށް ސަރުކާރުންވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355