twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޯލެވެލް ގަދަ 10ގައި ޖަލާލުއްދީން ސްކޫލްގެ 7 ދަރިވަރުން

Jul 18, 2018

މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުގެ ގަދަ ދިހަ ވަނާގައި ޖަލާލުއްދީން ސްކޫލުގެ ހަތް ދަރިވަރަކު ހިމެނިއްޖެ އެވެ.

އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އިމްތިހާނުގެ ގަދަ ދިހައަކުން ޖާގަ ހޯދި ޖަލާލުއްދީން ސްކޫލުގެ ހަތް ދަރިވަރުންނަކީ ފާތިމަތު ސަޚާ މުހައްމަދު، އަހްމަދު އިބްރާހިމް، އަހްމަދު އާދަމް، ފާތިމަތު ރިފާ މޫސާ، ސަމްހާ މޫސާ، އާމިނަތު އަހުމަދު، މުހައްމަދު މިރާސް އަބްދުލް ހަމީދެވެ.

ފާތިމަތު ސަޚާ މުހައްމަދު ގަދަ ހަތަރު ވަނައިގައި ހިމެނިފައިވަނީ ފަސް އޭ ސްޓާރ ފާސް އަދި ތިން އޭ ފާސް ހޯދައިގެންނެވެ. އަހުމަދު އިބްރާހިމް ގަދަ ހަވަނާގައި ހިމެނިފައި ވަނީ ތިން އޭ ސްޓަރ އަދި ފަސް އޭ ފާސް ހޯދައިގެނެވެ. އަހުމަދު އާދަމް އަދި ފާތިމަތު ރިފާ ގަދަ ހަތްވަނާގައި ހިމެނިފައިވަނީ ތިން އޭ ސްޓަރ، ހަތަރު އޭ އަދި އެއް ބީ ފާސް ހޯދައިގެނެވެ. ސަމްހާ މޫސާ ގަދަ އަށްވަނާގައި ހިމެނިފައިވަނީ ތިން އޭ ސްޓާރ، ތިން އޭ އަދި ދެ ބީ ހޯދައިގެނެވެ. އާމިނަތު އަހުމަދު އަދި މުހައްމަދު މިރާސް އަބްދުލް ހަމީދު ގަދަ ދިހަވަނާގައި ހިމެނިފައި ވަނީ އެއް އޭ ސްޓަރ ފާސް އޭ އަދި ދެ ބީ ފާސް ހޯދައިގެނެވެ.

އޯ ލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަގުވަޒަން ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ޖުމުލަ 375 ދަރިވަރަކު ވަނީ ގަދަ 10 ހާސިލްކޮށްފައެވެ.

އޭގެ ތެރެއިން 8 މާއްދާއިން އޭ ސްޓަރ ހޯދައިގެން އެއްވަނަ 6 ދަރިވަރަކު ހޯދިއިރު، 35 ދަރިވަރުން ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އެ ދަރިވަރުންނަށް ތައުލީމީ ފަންޑުން ސްކޮލަޝިޕް ދީފައިވެ އެވެ.

އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި، ވަކިވަކި މާއްދާތަކުން ވަނަތައް ހާސިލްކުރި ދަރިވަރުންނާއި، ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނެނު ދަރިވަރުންނަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައެވެ. އެ ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިޙާމާއި ދައުލަތުގެ ވަޒީރުންނެވެ.

އޯ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ގަދަ 10 ހޮވާ އުސޫލު މަތިކުރި ކަމުގައި ވިއަސް ދަރިވަރުން ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ.

2017 ވަނަ އަހަރު 196 ސްކޫލަކުން 5467 ދަރިވަރުން ޘާނަވީ އިމްތިހާނު ހަދާފައިވެއެވެ. މީގެ ތެރެއިން 375 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި 8 މާއްދާއިން އޭ ސްޓަރ ހޯދައިގެން އެއްވަނަ 6 ދަރިވަރަކު ހޯދާފައިވާއިރު، 35 ދަރިވަރުން ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.

ސާނަވީ ނިންމާ އިމްތިހާނުތަކުން ދަރިވަރުން ފާސްކުރުމުގެ ޤައުމީ މިންގަނޑެއްގެ ގޮތުގައި މިހާތަނަނަށް ބަލާފައިވަނީ 5 މާއްދާއިން 60 އިންސައްތަ ދަރިވަރުން ފާސްކުރުމެވެ. 2017 ވަނަ އަހަރު 77 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެޔެވެ.

މިނިސްޓަރު ހާމަ ކުރި ގޮތުގައި ބީޓެކް ހެދި ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކު ފުރަތަމަ ފަހަރަށް ގައުމީ ގަދަ 10ގައި ހިމެނިފައިވާ އިރު އެ ދަރިވަރުން ވަނީ އަމަލީ ދާއިރާއިން ކިޔެވުމަކީ އެންމެ މަތީ ބޮންތިއަށް ދިއުމަށް އޮތް ހުރަހެއް ނޫން ކަން ސާބިތުކޮށްދީފައި ކަމަށެވެ. ސްކޫލު މަންހަޖަށް އަލަށް ތައާރަފުކުރެވުނު ބީޓެކް ޕްރޮގްރާމަށް ކުރިއަށް ވުރެ ބޮޑަށް އިތުބާރު ހޯދައިދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، މިމަސައްކަތްތަކުގެ ކާމިޔާބީގެ ސިއްރަކީ ދިމާވާ ހުރަސްތައް ރަނގަޅަށް ސާފުކޮށް، ދެނެގަނެ އަދި މިކަމުގައި ސާމިލްވާ ހުރިހާ ފަރާތެއްގެ އަޑުއަހާ ހިޔާލު ހޯދާ މަސްވަރާ ލިބިގަނެ އެގޮތުގެ މަތިން ސިޔާސަތުތައް ބައްޓަން ކުރުންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރު ސާނަވީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 92.8 އިންސައްތަ ދަރިވަރުންނަކީ މަތީސާނަވީ ނުވަތަ މަތީތައުލީމަށް ދިއުމަށް މަގުފަހިވެފައިވާ ދަރިވަރުން ކަމަށެވެ. މިއީ 2013 ވަނަ އަހަރާ އަޅާބަލާއިރު 33.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355