އެމަނިކުފާނާއި ރަށްރަށާ ދެމެދު އޮތް ފާލަމަކީ ދާއިރާ މަޖިލިސް މެމްބަރުންކަމަށް ދެކެވެޑައިނުގެންނެވުމަށާއި އެ ފާލަމަކީ އެރަށެއްގެ ރައްޔިތުންނާއި ސަރުކާރާ އޮންނަ ގާތްކަމާއި އިތުބާރުކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގައި ސަރުކާރުން ހިންގި ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސަރުކާރުގެ ފިކުރުގައި ދާއިރާގެ މެންބަރު ހުރުމަކީ ސަރުކާރަށް ފަސޭހަވެގެންދާ ކަމެއް ކަމަށާއި ނަމަވެސް ދާއިރާގެ މެންބަރަކީ ދިއްދޫއަށް ތަރައްގީ އަންނަން އޮތް ވަސީލަތް ކަމަށް ގަބޫލު ނުކުރެއްވުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިލެއްވި އެވެ.
ރައީސް ވިދާޅުވީ ދިއްދޫއަށް ތަރައްގީއަށް އަންނަނީ ރައީސް އެކަން ކުރަން ބޭނުންވާތީ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނަކީ މުހިންމު ބައެއް ކަމަށާއި އެކަމަކު މެމްބަރުން ވަރުގަދަ ވެގެންދަނީ އެތަށް ބައެއް ގުޅިގެން ނަގައިދޭ އަގުލަބިއްޔަތަކުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގދ. ތިނަދޫން މިސާލު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ރަށުގެ ބޭނުންވާ ގިނަ ކަންކަން އޮހެމުންދިޔަ ނަމަވެސް އެ ދާއިރާގެ ދެ މެންބަރުންނަކީ ވެސް ވަރަށް ކުރިން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދަވާފައި ތިބި މެންބަރުން ކަމަށެވެ. ނަމަވެސް ތިނަދޫ ރައްޔިތުންނާއި ސަރުކާރާ ގާތްކޮށްދިނީ އެ ދެ މެންބަރުންނެއް ނޫން ކަމަށާއި ތިނަދޫ ރައްޔިތުންނަށް ހާއްސަ ކަންކަންކޮށްދޭން ނިންމީ ވެސް އެ ދެ މެންބަރުން އެދިވަޑައިގަންނަވައިގެން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެރަށަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގެންދަވަން ނިންމެވީ އަމިއްލަފުޅަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރަކު ބަޖެޓު ފޮނުވަނީ ސަރުކާރުން އިސްވެގެން ކަމަށާއި އޭގައި ތަރައްގީ ކުރާނެ ރަށްރަށާއި އެހެންކަންކަން ކަނޑައަޅާނީ ސަރުކާރުން ރައީސް އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި މަޖިލީހުން ކޮންމެވެސް ވަރަކަށް އެއަށް ބަދަލު ގެނައި ނަމަވެސް އެކަން ކުރައްވަނީ ސަރުކާރަށް އޮންނަ ތާއީދަކާ އެކުގައި ކަމަށާއި މަޖިލީހަކީ ސަރުކާރު ހިންގާ ތަނެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.