ހދ އަތޮޅު ކައުންސިލަށް ލިބޭ އާމުދަނީ އިތުރުކޮށް، އަތޮޅުގެ ރަށްތައް ތަރައްގީކުރުމަށް އިންވެސްޓްކުރުމަކީ މިދައުރުގެ އަމާޒެއްކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމަށް އަލަށް އިންތިހާބުވެލެއްވި ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން އިމާރާތްކުރި ދެ ކޮޓަރީގެ އެޕާޓްމަންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސެއިން ހަސަން ވިދާޅުވީ މިދައުރުގައި އަތޮޅު ކައުންސިލްގެ އަމާޒަކީ އާމުދަނީ އިތުރުކޮށް އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުން ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހދ އަތޮޅު ކައުންސިލަށް ލިބޭ އާންމުދަނީ އިތުރުކޮށް، ހދ އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް އިންވެސްޓްކުރާނަން. މިއީ މިދައުރުގައި އަތޮޅު ކައުންސިލްގެ އަމާޒު.” ނޮޅިވަރަމް ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވަމުން ގެންދަވާ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅަށްޓަކާ ތަފާތުތަކެއް ދެއްކޭތޯ މަސައްކަތް ކުރަމުންދާކަމަށާއި. ހދ އަތޮޅުގެ ރައްޔިތުންނާއި އަތޮޅުގެ ތަރައްގީއަށް ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިމަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމައަށް ނިންމީތީ ކުޅުދުއްފުށީ ކައުންސިލަށް ހުސެއިން ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
މިއަންނަ އަހަރު ހދ އަތޮޅުގެ ހަތަރު ނުވަތަ ފަސް ރަށުގައި މިޕްރޮޖެކްޓް ހިންގުމަށްޓަކާ އިއުލާންކުރާނެ ކަމަށާއި އެހެންކަމުން މިކަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ ކައުންސިލްތަކެއްވެސް ތައްޔާރަށް ތިބުމަށް އޭނާ ގޮވާލެއްވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްވަމުން ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ ކައުންސިލްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ މަޝްރޫއުތައް ނުވަތަ ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ދިނުމުގައި އެކަށީގެންވާ އަދަދެއްގެ ފައިސާ ކައުންސިލުގައި ނުހުރުން ކަމަށެވެ.
އެހެންނަމަވެސް އަތޮޅު ފެންވަރުގައި ކުރެވެން ހުރި މިފަދަ ކުދި މަސައްކަތްތައް ކުރެވިދާނެކަން މިއަދު ހާމަވާ ކަމަށެވެ. މިއަދު ހުޅުވިގެން މިދިޔަ ދެ ކޮޓަރީގެ އެޕާޓްމަންޓުންވެސް ކުޅުދުއްފުށީ ކައުންސިލަށް މަހަކު 7000ރ-10000ރ ދެމެދުގެ އާމުދަނީއެއް ލިބިގެންދާނެކަމަށް އާތިފް ވިދާޅުވި އެވެ.