twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަނިމާދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފި

Jul 19, 2018

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހދ ހަނިމާދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފި އެވެ.

މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވައިފައެވެ.

ހަނިމާދޫގެ ނަރުދަމާގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގަ އެވެ. އެއަށްފަހު ގާތްގަނޑަކަށް 2 އަހަރުގެ މެދުކެނޑުމަކަށް ފަހު ނަރުދަމާ ނިޒާމުގެ މަސައްކަތް އެރަށުގައި އަލުން ފަށާފައވަނީ 2016 ވަނަ މާރޗުމަހުގެ ތެރޭގަ އެވެ.

ނޫމަޑި ރިސޯރޓްސް އެންޑް ރެސިޑެންސް ކުންފުންޏާ ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން ހދ ހަނިމާދޫގައި ފާހާނާ ހޮޅި އެޅުމާއި، ސްވަރޭޖް ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި، ސީއައުޓްފޯލް ސިސްޓަމެއް ގާއިމު ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ރަށުގައި ތިން ޕަމްޕް ސްޓޭޝަން ބަހައްޓައި 16.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށްފައިވާއިރު ރަށުގެ 900 ގެއަށް ވަނީ މި ހިދުމަތް ދީފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓް ފޯލް ހޮޅި އަޅާފައިވާއިރު އެ ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ވެސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355