twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަ އިންތިހާއަށް އިތުރުވެފަ، 81 ދުވަސްތެރޭގައި 62 ވައްކަން ރިޕޯޓްކޮށްފައިވޭ !

Aug 2, 2018

ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތައް އިންތިހާއަށް ގިނަވެ ރައްޔިތުން މެދުގެ ނުތަނަވަސްކަން އިތުރުވެއްޖެ އެެވެ. 12،000 މީހުން ދިރިއުޅެމުންދާ މިރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވާން ފެށީ މިހުސްވި ރޯދަމަހުގެ ތެރޭގައި އެވެ.

އެގޮތުން ހުސްވި ރަމަޟާންމަހުގެ ތެރޭގައިވަނީ ގިނަ ފިހާރަތަކެއް ފަޅަލައި ތަކެތި ވަގަން ނަގަފައެވެ. ކޭއޯއަށް މައުލޫމާތު ހިއްސާކުރި ބައެއް ވިޔަފާރިވެރިން ބުނީ މީގެ ކުރީގެ ރޯދަމަސް މަހާއި އަޅާ ބަލާއިރު މިހުސްވި ރޯދަމަހު ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާކަމަށެވެ. ފިހާރަތަކުން ގިނައިން ވަގަށް ނަގާފައިހުރީ ފައިސާގެ އިތުރުން ސިނގިރޭޓާއި ބިނޑި އަދި ދުންފަތާ ގުޅުން ހުރި ބާވަތްތަކާއި ކޮލާވައްޓަރު ފަދަ ތަކެތިކަމަށް ފިހާރަވެރިން ބުނެ އެވެ.

ގޭބިސިތަކުންވެސް ވައްކަން ކުރާކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވެ އެވެ. އެގޮތުން މިދިޔަ މަހު ދުވަސްވީ މީހަކު ގޭގައި ނިދާފައި އޮތްވާ ވަގު ވަދެ އެމީހާ ކަރުގައި އޮތް ރަންފަށް ފޭރިގަނެފައިވާއިރު ބައެއް ގޭބިސީތަކުން އެއްމަސް ތެރޭގައި 3 ފަރަށް ވައްކަންކޮށްފައިވެ އެވެ. ގޭގައި ގެންގުޅޭ އަގުބޮޑެތި ސާމާނުން ފެށިގެން ރޯނުވެށުމަށް ބޭނުންކުރާ ބޮނބި ފަދަ ތަކެތިވެސް ވަގަށް ގެންގޮސްފައިވެ އެވެ. އަދި މަގުމަަތީގައި ބަހައްޓާފައި ހުންނަ ބައިސްކަލު ފަދަ ތަކެތިވެސް ފާއިތުވި ދެމަހު ގެއްލިފަ އެބަހުއްޓެވެ..

މިދިޔަ އޯގަސްޓްމަހުގެ ފަހުކޮޅަށް ބަލާލާއިރުވެސް 2 ފިހާރަކުންނާއި ވަޑާމުގެ މަސައްކަތް ކުރާ ތަނަކުންނާއި 3 ގެއަކުން ވައްކަން ކޮށްފައިވެ އެވެ. ހަމަ މިދިޔަ މަހު ފަހުކޮޅު ފަޅާލި ފިހާރައެއްގެ ވެރިޔަކު މައުލޫމާތު ދިންގޮތުގައި އެ ފިހާރައިން ސީދާ ވަގަށް ގެންދިޔަ އެއްޗެހި ނޭނގޭ ކަމަށާއި ނަމަވެސް ގިނަ އަދަދެއްގެ ސިނގިރޭޓާއި ވަކިލާރި އަޅާފައި ހުރި ފުޅިޔަކާއި އެކްސް އެލް އަދި ރެޑްބުލް ދަޅުގެ އިތުރުން ވަތްގަނޑުގައި ހުރި 500 ރުފިޔާ ގެއްލިފައިވާކަމަށެވެ.

ވައްކަމުގެ މައްސަލަތަކުގެ ރަސްމީ ހިސާބުތަކަށް ބަލާލާއިރު މިއަހަރުގެ މެއިމަހުން ފެށިގެން ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށިން، ވައްކަމުގެ 62 މައްސަލައެއްވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަަނަށް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން 26 މައްސަލައެއް ކޭސް ކުރެވިފައިވާއިރު ފަސް މައްސަލައެއް ވަނީ ތަހްގީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެ އެވެ.

މިއީ ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ. 81 ދުވަސްތެރޭގައި ވައްކަމުގެ 62 މައްސަލަ ކުޅުދުއްފުށިން އެކަނިވެސް މިވަނީ ރިޕޯޓްކޮށްފައިވެ އެވެ. ބައެއް މައްސަލަތައް ރިޕޯޓްވެސް ކޮށްފައިނުވެ އެވެ. ރިޕޯޓް ނުކުރަނީ ޝަރުއީ މަރުހަލާގެ ތެރެއިން އެކަށީގެންވާ އަދަބެއް އެފަދަ ފަރާތްތަކަށް ނުދެވޭތީ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355