ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބު 2018 އަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއިން ފެށިގެން އޮގަސްޓް 4 ހަމައަށް ހުޅުވާލުމަށް ހަމަޖެހިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރިޔާސީ އިންތިހާބުގެ ކަލަންޑަރުގައި ވާގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިިއުލާންކުރާނީ އޮގަސްޓް 18 ވަނަ ދުވަހު އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ޕީޕީއެމުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ކޯލިޝަނުންނެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ސާލިހްއެވެ. އަދި ރަނިން މޭޓަކީ ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާ މެންބަރު ފައިސަލް ނަސީމެވެ.
ޕީޕީއެމުން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ރަނިން މޭޓަކީ ޑރ މުހައްމަދު ޝަހީލް އަލީ ސައީދުއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 262،141 މީހުން ވޯޓުލުމުގެ ހައްގު ލބިގެންވެއެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަސް ގައުމެއް ހިމެނޭހެން މިފަހަރުގެ އިންތިހާބުގައި 454 ވޯޓުފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.