twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހދ އަތޮޅުން ކަދުރު ލިބުނީ އެންމެ ރަށަކަށް !

Jul 24, 2018

ސައުދީން އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ކަދުރުން ހދ އަތޮޅުގެ ރައްޔިތުންނަށް ނުދީ ބަހައި ހުސްކޮށްލައިފި އެވެ. ހދ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ހިމެނޭއިރު ކަދުރު ލިބިފައިވަނީ މަކުނުދޫއަށް އެކަންޏެވެ.

ސައުދީ ރާއްޖެއަށް ހަދިޔާކުރި 50 މެޓްރިކް ޓަނުގެ ކަދުރު ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބަހައި ނިންމާފައިވާކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ އެމިނިސްޓްރީގެ ވެބްސައިޓްގައި ހާމަކޮށްފަ އެވެ.

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބުރާހިމް އަލީ މިއަދު ވިދާޅުވީގޮތުގައި ކަދުރާ ހަވާލުވުމަށް އިސްލާމިކް މިނިސްޓްރީން ހުރިހާ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް އެނގިކަމަށާއި ނަމަވެސް ކަދުރާ ހަވާލުވުމަށް އަތޮޅު ކައުންސިލުން މިނިސްޓްރީއަށް ދިއުމުން ކަދުރު ބަހައި ހުސްވެފައިވާކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް އިބުރާހިމް ވިދާޅުވި އެވެ.

މީގެ ކުރިންވެސް އަތޮޅަށް ކަދުރު ގެންނަނީ އަތޮޅު ކައުންސިލުގެ ހަވާލުގައިކަން ފާހަގަކުރައްވަމުން އިބުރާހިމް ވިދާޅުވީ ކަދުރާ ހަވާލުވުމަށް މާލެއާ ހަމައަށްދެވެންދެން ކައުންސިލުން ގެންދިޔައީ އިސްލާމިކް މިނިސްޓްރީއާ ކޯޑިނޭޓްކުރަމުންކަމަށް އޭނާ ވިދާޅުވި އެވެ.

ހދ އަތޮޅުގެ ގޭބިސީތަކުގެ އަދަދުވެސް އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާކަން އޭނާ ވިދާޅުވި އެވެ. އެގޮތުން ހދ އަތޮޅަށް 451 ކޭސް ކަދުރާއި 6 ޕެކެޓް ކަދުރު ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން އެކައުންސިލަށް އަންގާފައިވެސް ވެ އެވެ.

އިބުރާހިމް ވިދާޅުވީ މަކުނުދޫއަށް ކަދުރު ލިބިފައިވަނީ މަކުނުދޫ ކައުންސިލުން އަމިއްލައަށް އެކަމާ އުޅިގެން ކަމަށެވެ.

ސައުދީ ހަދިޔާކުރާ ކަދުރު އަތޮޅަށް ގެނައުމަށްޓަކާ ކައުންސިލުން އަމަލުކޮށްފައިވާނީ އެހެން އަހަރުތަކުގައިވެސް މަސައްކަތްކުމުންދިޔަ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހދ އަތޮޅުގެ އިތުރުން އެހެން ބައެއް ރަށްތަކަށްވެސް ކަދުރު ނުލިބޭކަމުގެ ޝަކުވާވަނީ ލިބިފަ އެވެ.

މިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުނުވެފަ އެވެ.

މިކަމާ ގުޅިގެން ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހދ އަތޮޅަށް ކަދުރު ލިބޭނެކަމަށް އެންގުމުން ބަލައިދާނެ ތަނެއް އޮޅުން ފިލުވުމަށް ގުޅީމަ މިނިސްޓްރީން ވިދާޅުވީ ހުސްވެއްޖޭ ކަމަށެވެ. މިއަތޮޅަށް ކަނޑައެޅި ކަދުރު ކޮޅު ހަތަރު ދުވަސް ތެރޭގައި ކާލީ ކާކު ތޯ އޭނާ ވަނީ ސުވާލުއުފައްދާފަ އެވެ.

H.Dh.Atholhah 451 case+6pkts kadhuru libey kamah Islamic Ministry in engumun balaidhaanvee thaneh olhunfiluvan gulheema bunee mihaaru husvehjey! H.Dh.Atholhah kanda elhi kadhuru kolhu 4days therey kaalee kaakubaa?@MVIaffairs

— Ahmed Athif (@Ahmed_Athif) July 23, 2018

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވަނީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ، އަދި އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދު ބެލުމަށްފަހު، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުން ކަދުރު ބަހައި ނިންމާލާފައިވަނީ 22 ޖުލައި 2018 ވީ އާދިއްތަދުވަހު ކަމަށެވެ.

މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 43 ރަށު ކައުންސިލުން ކަދުރާ ހަވާލުވެފައިވާކަމަށާއި އަތޮޅުތެރެއިން ޖުމްލަ 13052 ގޭބިސީއަށް ވަނީ ކަދުރު ހަވާލުކޮށްފައި ކަމުގައިވެސް އިސްލާމިކް މިނިސްޓްރީގެ ވެޓްސައިޓްގައި ހާމަކޮށްފައިވެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355