twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޭއާރުއެޗް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ގެނެވުނު ބަދަލާއެކު ބައެއް ހިދުމަތްވަނީ ފުޅާކުރެވިފައި: ހެލްތް

Jul 24, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ގެނެވުނު ބަދަލާއެކު ބައެއް ހިދުމަތްތައް ފުޅާކުރެވިފައިވާކަމަށްހެލްތް މިނިސްޓްރީ ބުނެފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިހާރު އެހޮސްޕިޓަލުގައި ކުރިއަށްދާ މަސައްކަތްތަށް ހާމަކޮށް ހެލްތް މިނިސްޓްރީން އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ ތިންވަނަ ދަރަޖައިގެ ނުވަތަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ކޭއާރުއެޗް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަމަށާއި މިހާރުވެސް ބައެއް ހިދުމަތްތައް ޓާޝަރީ ފެންވަރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ސްޕަރ ސްޕެޝަލިސްޓުންގެ ހިދުމަތް ފާހަގަކޮށްފައިވެ އެވެ. ކޭއާރުއެޗަށް ދާއިމީ ސްޕަރ ސްޕެޝަލިސްޓުން ހަމަޖައްސަންދެން އައިޖީއެމްއެޗުން ކޮންމެ ދެ ހަފްތާއަކުން ސްޕަރ ސްޕެޝަލިސްޓުން ކުޅުދުއްފުށީގައި ހިދުމަތް ދެމުންގެންދާނެކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޭއާރުއެޗަށް ސްޕަރ ސްޕެޝަލިސްޓުން (ކާޑިއޮލޮޖިސްޓް، ނިއުރޮލޮޖިސްޓް ނެފްރޮލޮޖިސްޓް އަދި ޕެތޮލޮޖިސްޓް) ހޯދުމަށް އިއުލާންކޮށްފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ. ހޮސްޕިޓަލުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް މެޑިކަލް ޑައިރެކްޓަރަކާއި ނާސިންގ ޑައިރެކްޓަރެއް ހަމަޖައްސާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މިހާރު ކޭއާރުއެޗަށް ސްޕަރ ސްޕެޝިއަލް ޑޮކްޓަރުންގެ ހިދުމަތް ފަށާގައިވާކަން ފާހަގަކޮށް މިނިސްޓްރީ ބުނެފައިވަނީ މި މަހު 21 ން 23 އަށް ކިޑުނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި ދަރިމައިވުމާގުޅޭ ބަލިތަކަށް ހާއްސަކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް އެ ހޮސްޕިޓަލުގައި ބަލިމީހުންނަށް ވަނީ ފަރުވާ ދެއްވާފައިވާކަމަށެވެ.

އަދި ނަފްސާނީ ބަލީގެ ހާއްސަ ޑރ.އަލީ އާރިފްވެސް އަންނަ ހަފްތާގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި ޕާކިސްތާނު އެމްބަސީ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ ހެލްތު ކޭމްޕްގެ ތެރެއިން ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މިމަހު ކުރީކޮޅު ވަނީ އެހޮސްޕިޓަލުގައި ބަލިމީހުން ބަލާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސީޓީ އަދި އެމްއާރްއައި ރޫމްތަކުގެ މަސައްކަތް 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައިވާކަމަށާއި އިކުއިޕްމަންޓްސްތަކަށް ބޭނުންވާ ކަރަންޓްގެ ފެންވަރު މަތިކުރުމަށް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރެވި، އެކަމަށް ބޭނުންވާ ޓްރާންސްފޯމާ،ކޭބަލް އޯގަސްޓް މަހުގެ ކުރީކޮޅު ހޮސްޕިޓަލަށް ފޮނުވާނެކަމަށް ފެނަކައިން ޔަގީންކަންދޭ ކަމަށްވެސް ހެލްތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަދި ހޮސްޕިޓަލްގެ މިހާރުގެ އިމާރާތުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ތަންތަނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ހަވާލުކުރެވިފައިވާއިރު، ހޮސްޕިޓަލްގެ މުވައްޒަފުންގެ އޮނިގަނޑު ތައްޔާރުކޮށް ފައިނަލްކުރުމުގެ މަސައްކަތްވެސް ސިވިލްސަރވިސް އާއި ގުޅިގެން ކުރިއަށްދާކަމަށްވެސް ބުނެފައި ވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކޮށް ހިންގަން ސަރުކާރުން މިދިޔަ އަހަރު ވަނީ އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގަމުން އަންނަ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑޓެޑް( އެންއައިއައި) އާއި ހަވާލުކޮށްފައެވެ. ނަމަވެސް އެކުންފުންޏަށް އެކަންނުވުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިންގުން ސަރުކާރުން މިހާރު ވަނީ ހަވާލުވެ، ޓާޝަރީ ފެންވަރަަށް އެހޮސްޕިޓަލް ތަރައްގީކުރުމަށް އަމާޒު ހިފާފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355