ރާއްޖެއައި ފަސިންޖަރުންގެ ފޮށިތަންމަތި ބަލައިފާސްކުރުމުގެ ތެރޭގައި 3 ފަހަރެއްގެމަތީން 8.28 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިގޮތުން ފުރަތަމަ ކޭސްގައި 2018 ޖުލައި 18 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާއިން ރާއްޖެއައި އުމުރުން 30 އަހަރުގެ ބަނގުލަދޭސް މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި 04 ޕާރުސަލް ވަނީ ފެނިފައެވެ. މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 5.46 ކިލޯ ހުއްޓެވެ.
ދެވަނަ ކޭސްގައި ދޯހާމަގުން ޓެންޒޭނިއާއިން ރާއްޖެއައި އުމުރުން 23 އަހަރުގެ ޓެންޒޭނިޔާ އަންހެނެއްގެ އަތުންވެސް މަސްތުވާތަކެތި ކަސްޓަމްސުން ވަނީ އަތުލައިގެންފައެވެ. 2018 ޖުލައި 19 ވަނަ ދުވަހު ރާއްޖެއައި މިމީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުއްޓާވަނީ ފެނިފައެވެ. މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.05 ކިލޯ ހުއްޓެވެ.
މީގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި އުމުރުން 31 އަހަރުގެ ދިވެއްސެއްގެ އަތުންވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ. ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިމީހާގެ ފޮށިތަންމަތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ފޮށީގެ ތެރޭގައި ފޮރުވާފައިވާ މަސްތުވާތަކެތި ފެނިފައިވާއިރު، މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި 771 ގްރާމް ހުއްޓެވެ.
މިކޭސްތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 8.28 ކިލޯ ހުރިއިރު، މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.