ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުވެފައިވާ، ކައުންސިލްތަކުން ސަރުކާރުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި ލަފާ ހޯދުމަށް އެދި ހުށަހަޅަންޖެހޭނީ އެދާއިރާއެއްގައި ހިމެނޭ ގައުމީ އިދާރާއަށް ނުވަތަ އެއިދާރީ ދާއިރާއެއްގައި ގާއިމު ކުރެވިފައިވާ ގައުމީ އިދާރާގެ ޔުނިޓަށް ކަމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
އަދި ސަރުކާރުގެ އިދާރާތަކުންވެސްރަށްރަށުގައި ހިންގާ ކަންތައްތައް ކުރަންޖެހޭނީ އެސަރަހައްދެއްގައި ގާއިމުކޮށްފައިވާ ގައުމީ އިދާރާ މެދުވެރިކޮށް ކަމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
“ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުވެފައިވާ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ކުރާ މަސައްކަތްތަކާއި ދޭ ޚިދްމަތްތަކާގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި ލަފާ ބޭނުންވާ ހާލަތްތަކުގައި، އެކަމަށް އެދި ލޯކަލް ކައުންސިލްތަކުން ހުށަހަޅުއްވާނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއް ހިމެނޭ ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާއަށް ނުވަތަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާގެ ޔުނިޓަށް” ރައީސް އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި ވެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި މިގޮތަށް ހަމަޖެއްސެވީ، އިދާރީ ދާއިރާތަކުގައި ގާއިމުކޮށްފައިވާ ޤައުމީ އިދާރާތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރައްވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން އިދާރީ ދާއިރާތައް ހިންގަމުންދާއިރު ސަރުކާރުގެ ސިޔާސަތުތައް ކޯޑިނޭޓްކޮށް އެއް މިސްރާބަކަށް ހިންގެވުމަށްޓަކައި އެވެ.