ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެ ފަދަ ސިޓީތައް ތަރައްގީކޮށް އެބައެއްގެ ރަށުގައި އެބަޔަކަށް ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެބައެއްގެ ރަށުގައި ހަމަޖެހިލައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެކަން މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ.
ރައީސް ޔާމީން ގެންގުޅުއްވައި މާލެ ތޮއްޖެއްސުމުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން އިބޫ ވިދާޅުވީގޮތުގައި އެމްޑީޕީގެ މެނިފެސްޓޯއަކީ ޖަޒީރާ މެނިފެސްޓޯއެއް ކަމަށާއި އުތުރާއި ދެކުނުގައި މާލެ ފަދަ ދެ ސިޓީ މަދުވެގެން ތަރައްގީ ކުރައްވާނެކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އެމަސައްކަތް ފަށައިގަންނާނެކަމުގެ ޔަގީންކަން އޭނާވަނީ ރައްޔިތުންނަށް އަރުވާފަ އެވެ.
ރާއްޖޭގެ އެއްވެސް ރަށްރަށުން ގޯއްޗެއް ނުދޭތާ މިހާރު 7 އަހަރަށްވުރެ ގިނަދުވަސް ވެއްޖެކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ކޯލިޝަނުގެ ވެރިކަމެއްގައި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށްށަކުން ގޯތި ދިނުމުގެ މަސައްކަތް ފަށާނެކަމަށް އިބޫ ވިދާޅުވި އެވެ.
ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަށް ޖެހޭ ކަމަށާއި ކޯލިޝަނުގެ ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ ދަތުރުފަތުރުގެ އަގު އަތްފޯރާފަށަށް ތިރިކުރާނެކަމަށް ވިދާޅުވި އެވެ.
ގެސްޓްހައުސްގެ ސިޔާސަތަކީ އެމްޑީޕީގެ ވެރިކަމުގައި ގެނައި ސިޔާސަތެއްކަމަށް އިބޫ ވިދާޅުވި އެވެ. އެސިޔާސަތު އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ހުޅުވާލާނެކަމަށްވެސް އިބޫ ވިދާޅުވި އެވެ.