twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފައުންޑޭޝަން ސްޓޭޖް ޓީޗަރުން އާ މަންހަޖަށް އަހުލުވެރިކުރުމަށް ސެމިނަރއެއް ފަށައިފި

Jul 29, 2018

ޕްރީސްކޫލް ޓީޗަރުން އާ މަންހަޖަށް އަހުލުވެރިކުރުވުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ސެމިނަރއެއް ފަށައިފިއެވެ.

މި ސެމިނަރގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކާއި، ކަމާގުޅޭ ދާއިރާތަކުގެ ޓީޗަރުން ބައިވެރިވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީންވަނީ ފަށާ ތައުލީމާއި ރަސްމީ ތައުލީމުގެ އޮނިގަނޑުގައި ހިމަނައި ކިޔަވައިދޭން ފަށާފަ އެވެ. އެގޮތުން މި ފެށި “ޓްރެއިނިންގ އޮފް ޓްރެއިނަރސް” ސެމިނަރއަކީ، އާ ތައުލީމީ އޮނިގަނޑަށް ޕްރީސްކޫލް ޓީޗަރުން އަހުލުވެރިކޮށް، ސެމިނަރއިން ތަމްރީނުވާ ބައިވެރިން މެދުވެރިކޮށް، މާލެއާއި އަތޮޅުތަކުގެ ޓީޗަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ސެމިނަރެކެވެ. މި ސެމިނަރގައި ލީޑިންގ ޓީޗަރުންނާއި، ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ލެކްޗަރަންނާއިއެކު 45 ބޭފުޅުން ބައިވެރިވިއެވެ.

ސެމިނަރ ރަސްމީކޮށް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއުއެވެ. ސެމިނަރގެ ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ ޕްރީސްކޫލް ނުވަތަ ފައުންޑޭޝަން ސްޓޭޖަކީ ކުއްޖާ މަތީ ގްރޭޑުތަކަށް ތައްޔާރުކުރުމަށް އަޅާ އެންމެ މުހިންމު، އެންމެ ފުރަތަމަ ފިޔަވަޅުކަމަށެވެ.

އެގޮތުން ޕްރީސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ހާސިލުވި މިންވަރާއި، އަދި އިތުރަށް އެކުދިން ހާސިލުކުރަންޖެހޭ މިންވަރު ދެނެގަނެވުމުން ކުއްޖާއަށް އިތުރަށް އެހީ ބޭނުންވާ ދާއިރާތައް ދެނެގަނެ ކުއްޖާއަށް އެހީތެރިވުމަށް ފަސޭހަވެގެންދާ ކަމެއްކަމަށް ޝަފީއު ވިދާޅުވިއެވެ.

އަދި ކޮންމެ ކުއްޖެއްގެވެސް ސިކުނޑި ތަރައްގީވާނީ އެކި މިންވަރަށް ކަމުން ކްލާހުގައި ކިޔަވައިދޭ ފިލާވަޅު އެކި ކުދިންގެ ސިކުނޑިއަށް ނަގައިގަނެވޭ މިންވަރު ތަފާތުވާނެކަން ދެނެގަނެ، އެކަމަށް ސަމާލުވެ ފިލާވަޅުތައް ނަގައިދިނުމަށް ޝަފީއު މުދައްރިސުންނަސް އިލްތިމާސްކުރެއްވިއެވެ.

ސެމިނަރއާ ގުޅޭ ގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ، އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރ ސިޔާމާ އަބޫބަކުރު ވިދާޅުވީ، މި ސެމިނަރއިން ތަމްރީނުވާ ބައިވެރިންގެ އެހީތެރިކަމާއެކު މާލެއާއި އަތޮޅުތަކުގެ ޕްރީސްކޫލް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް އެންއައިއީން ކުރިޔަށްގެންދާނެކަމަށެވެ. އަދި މި ސެމިނަރގެ ތެރެއިން މަންހަޖުގެ ތަސައްވުރާއި، ކުދިންގެ ފެންވަރު ވަޒަންކުރުމާއި، ލެސަން ޕްލޭން ނުވަތަ ފިލާވަޅު ތައްޔާރު ކުރާނެގޮތްތައް ކިޔައިދޭނެކަމަށް ސިޔާމާ ވިދާޅުވިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި ކުރިއަށްގެންދާ މި ސެމިނަރއަކީ 5ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ސެމިނަރއެކެވެ. މިސެމިނަރގައި ކިޔަވައިދެއްވަނީ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަންގެ ފަންނީ ބޭފުޅުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355