twitterviber whatsapp telegramfacebookyoutube instagram
20th April 2024

20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި

Jul 31, 2018

20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ސްރީލަންކާގެ “ހޭކާރބް ޕްރައިވެޓް ލިމިޓެޑް”އާ ހަވާލުކޮށްފި އެވެ.

މިމަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާނެވެ. ސްރީލަންކާގެ ހޭކާރބް ޕްރައިވެޓް ލިމިޓެޑްއިން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރަޖިތާ ކަރި ވަސަނާއެވެ.

ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ރައްތަކަކީ ހއ.މާރަންދު، ހއ. ވަށަފަރު، ހދ. ވައިކަރަދު، ހދ. ފިނޭ، ށ.ފޯކައިދޫ، ނ.މާފަރު، ނ ޅޮހި، ރ.ކިނޮޅަސް، ބ.ކިނޮޅަހާއި މާޅޮހާއި ގޮއިދޫ، ޅ.އޮޅުއަލިފުއްޓާއި ކ.ގުޅިއާއި އއ.ފެލިދޫ، ވ.ކެޔޮދޫ، އދ.ދިގުރަށް، ތ.ހިރިލަންދޫ، ގއ.ދެއްވާދޫގެ އިތުރުން ގދ. ހޯޑެއްދޫގައި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠޯރިޤް އިބްރާހީމް ވިދާޅުވީ ރަށްރަށުގައި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތަކީ ހުއްޓާލާނެ މަސައްކަތެއް ނޫންކަމަށާ، މިހިދުމަތް މިހާތަނަށް ނުލިބޭ ރަށްތަކަށް ނަރުދަމާގެ ނިޒާމް ފޯރުކޮށްދޭނެކެމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް 22 ރަށެއްގައި ނަރުދަމާގެ މަސައްކަތައް ފަށައި މުޅިން ނިންމާލަފައިވާނެކަމަށެވެ.

އާބާދީގެ 75 އިންސައްތައަށް މިހާރު ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީފައިވާއިރު މީގެ ސަބަބުން ރަށްރަށުގެ ސިއްހީ ހާލާތް ރަނަގޅުވުމާއި ތިމާވެށި ރައްކާތެރި ކުރުމުގެ އިތުރުން މުޖުތަމައުގެ ހަމަޖެހުން ގާއިމުވެގެންދާނެކަމަށް މިނިސްޓަރ ޠާރިޤް ފާހަގަކުރިއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ މިހާތަނަށް 20 ރަށެއްގައި ރައްކާތެރި ބޯފެން ފޯރުކޮށްދެމުންދާއިރު، 45 ރަށެއްގައި އެމަސައްކަތް ކުރަމުންދާކަމަށެވެ. އަދި އިރުވައިމޫސުމުގެ ހޫނު ދުވަސްވަރު ފެނަށްޖެހޭ ޖެހުން ހައްލުކުރުމަށްޓަކައި 36 ރަށެއްގައި ފެންތާގި ބަހައްޓާފައިވާކަމަށާ، މިކަމަށްޓަކައި އިތުރު 45 ރަށެއް ޓެންޑަރ ކޮށްފައިވާކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަބަދުވެސް އެކުންފުނި އޮންނާނެކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގެ ފެނާ ނަރުދަމާގެ ނިޒާމު އެކުންފުނިން ބަލަހައްޓަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

20 ރަށުގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ސްރީލަންކާގެ ހޭކާރބް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ދޮޅުއަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަސްރޫއުއަށް 53 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 866 މިލިޔަނެއްހައި ރުފިޔާ ހަރަދުވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355