twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޮލަމް އޮޅުވާލުން: އެއްކޮޅުން މާލެ ސަރަހައްދު ތޮއްޖެއްސުން، އަނެއް ކޮޅުން ރަށްރަށް ތަރައްގީކުރާ ވާހަކަ !

Aug 2, 2018

2013 ވަނަ އަހަރު ރިޔާސީ އިންތީހާބުގައި ރައީސް ޔާމީން ވިދާޅުވީ “ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް” ލިބޭނެކަމަށެވެ. އެބަހީ އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ އަތޮޅަކުން އެއްރަށް ހުޅުމާލެ ފަދައިން ތަރައްގީކުރާނެ ވައުދެވެ. އަތޮޅުތެރެއަށް ވައުދުވި ގިނަ ކަންތައްތަކެއް ނުކުރެވި އުޅެނިކޮށް އަނެއްކާވެސް އިންތިހާބު މިއޮތީ ބޯމަތިވެފައިވެ އެވެ. އާ ވައުދުތަކާ އަހުދުތައް ދަނީ އެމަނިކުފާނުވެސް ވެވަޑައިގަންނަވަމުންނެވެ.

ކޮންމެ އަތޮޅަކަށް ހުޅުމާލެއް ނުލިބޭނެކަން ޔަގީންނެވެ. ރިޔާސީ އިންތިހާބާ ދެމެދު މިއޮތް ކުޑަދުވަސް ކޮޅުތެރޭގައި އެވައުދެއް ނުފުއްދޭނެކަން ބޯމައްޗަށް ޖަހައިގެން އުޅޭ ހަމަ ކޮންމެ ރައްޔިތަކަށްވެސް އެނގޭނެ އެވެ. އެއީ އެމަނިކުފާނު ވޯޓް ހޯދަވަން ވެވަޑައިގެންނެވި ދޮގު ވައުދަކަށް މިއޮތީވެ ނިމިފަ އެވެ.

އެވާހަކަ ދެން ބާއްވާލަން ހިންގާށެވެ. ދެން މިއޮތީ އަނެއްކާވެސް އެމަނިކުފާނު އާދަޔާ ހިލާފު ވާހަކަފުޅެކެވެ. ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ގިނައިން ވިދާޅުވާ ވާހަކަފުޅަކީ ރަށްރަށް ތަރައްގީކުރާނެ ވާހަކަ އެވެ. ފެނާއި ނަރުދަމާ އާއި ބަނދަރާއި ފަޅު ހިއްކުން އަދި އެއާޕޯޓްތަކުގެ ވައުދުތަކަކީ ރައްޔިތުން ޝައުގުވެރިކުރުވާ ވައުދުތަކެކެވެ. ބައެއް ރަށްރަށުގައި އެފަދަ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށްވެސް އެބަދެ އެވެ. “ދިރުމެއް ވަންޏާ އުންމީދެއްވެސް ވާނެ” އެވެ. މިއީ އެމަނިކުފާނުގެ ސްޕީޗްތަކުގައި ވަރަށް ގިނައިން ބޭނުންކުރާ ބަސްކޮޅެކެވެ. އެއިން ދޭހަވާ މާނައަކީ ދިރުމެއް ހުރިއްޔާ ތަރައްގީކުރާނެކަމަށެވެ.

އެއްކޮޅުން ރަށްރަށް ތަރައްގީކުރާ ވާހަކަދައްކަވާ ބައެއް ރަށްރަށުގައި އެފަދަ މަޝްރޫއުތައް ހިންގާއިރު އަނެއް ކޮޅު މިވިދާޅުވަނީ މާލެ ސަރަހައްދަށް މީހުން ޖަމާކުރާ ވާހަކަ އެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުހާތަބުކޮށް ރައީސް ޔާމީން ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ވިލިމާލޭގެ 2 ގެ ނަމުގައި މަޝްރޫއުއެއް ފަށާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް 1000 އަކަފޫޓްގެ ގޯއްޗެއް ދެއްވާނެކަމަށެވެ. 315،000 އަށްވުރެ ގިނަ ރައްޔިތުން އެތަނުގައި އާބާދުކުރާނެ ވާހަކަ އެވެ. މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން 17،000 މީހުން އާބާދުކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު ރައީސް ޔާމިން މިކަމުގައި ދައްކަވާ ވާހަކަ ދިމަ އެވެ. އެއްކޮޅު ރަށްރަށް ތަރައްގީކުރާއިރު އަނެއް ކޮޅު ދައްކަވަނީ މާލެ ސަރަހައްދަށް މީހުން ގެންދާ ވާހަކަ އެވެ.

މިކަމުގައި މަނިކުފާނުގެ ބަހާ އަމާލާ ދިމާނުވާއިރު ކުރިއަށް މިއޮތް އިންތިހާބުގައި ރައްޔިތުން ވޯޓް ދޭނީ ކިހިނެއްތޯ އެވެ. ޕީޕީއެމްގެ ކެމްޕެއިން ޓީމްތައް އައިސް ގޭބިސީތަކުގެ ދޮރުގައި ޓަކި ޖައްސަވާ ރައްޔިތު މީހާގެ ކައިރިއަށް ވޯޓް ހޯދަން ދިއުމުން، މި ސުވާލު ރައްޔިތު މީހާ ކޮށްލައިފިނަމަ ދޭނީ ފަހެ ކޮން ޖަވާބެއް ތޯ އޭ ހަމަ ހިތްތަށް އަރަ އެވެ.

މިވަރުން ވީޔެއް ނޫނޭ، މުޅި މާލެ ސަރަހައްދުން ބުރިޖްތަކުން ގުޅާވެސް ލަނީ އެވެ. ރައްޔިތުން މާލެ ސަރަހައްދަށް ފުނި ޖައްސާފަ، ރަށްތައް ފަޅުކޮށް އެސްއީޒެޑްގެ ބިލުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިއްކާލަނީ ބާ އޭވެސް ހިތަށްއަރަ އެވެ. ކޮންމެއަކަސް މަ ވާ ސަލާމެވެ. ބަހާ އަމަލާ ދިމާނުވާ ރައީސެއް ކޮންމެ ފަދަ ވައުދެއްވެސް ވިދާޅުވެދާނެ އެވެ. ރައްޔިތުން ހޭލާ ތިބެމާ ހެވެ. މިއީ އަތޮޅުތެރޭގެ ރައްޔިތުންގެ ވޯޓްކޮޅު ހޯދަން ދައްކާ ދަޅައެއްކަން މަށަށް ހަމަ ކަށަވަރުވެ ޔަގީންވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355